ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ މާލެ ސިޓީގެ ޖޮއިންޓް އޭޖެންސީ ޓީމުގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފި އެވެ.
އެ ބައްދަލުވުން އިއްޔެ ބޭއްވީ އިސްކަންދަރު ބިލްޑިންގުގަ އެވެ.
އެއީ، ފުލުހުންގެ ފަރާތުން ފޯރުކޮށްދެމުން އަންނަ ހިދުމަތް ކޮމިއުނިޓީ ފަލްސަފާއާ އެއްގޮތަށް ފޯރުކޮށް ދިނުމަށްޓަކައި ރައްޔިތުންނާއި ކައުންސިލުތަކާއި މަދަނީ ޖަމުއިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުމާ އެކު، ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ބައްދަލުވުމުގައި މާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި މާލެ ޕޮލިސްގެ އެކި ބަހާތަކުގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ފުލުހުން ބުނީ ބައްދަލުވުމުގައި މާލެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހައްލުކުރުމާއި އިތުރަށް ހައްލުކުރަން ޖެހޭ މައްސަލަތައް ދެނެގަނެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކާއި އެ ކަންކަން ހައްލުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރިކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރުމަށް މަޝްވަރާކޮށް، ފުލުހުންނާއި އިދާރާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ފަސޭހަކުރުމުގެ ގޮތުން ކޮންމެ އިދާރާއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ވެސް ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ބައްދަލުވުންތައް ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.









