މެންޗެސްޓަރ ޔުނައިޓެޑްގެ އައު މެނޭޖަރު ރުބެން އަމޮރިމް ޕްރިމިއަރ ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. އެވަރޓަންއާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިން މޮޅުވެ، އަމޮރިމްގެ ކޯޗު ކަމުގައި ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑު ތިން މެޗަށް ދަމާލައިފިއެވެ.

މިރޭގެ މެޗުގައި ރަޝްފޯޑް އާއި ޒާކްޒީ މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއެވެ. ރަޝްފޯޑް ފުރަތަމަ ގޯލު ޖެހީ 34 ވަނަ މިނެޓުގައެވެ. ޒާކްޒީ ވެސް ދެ ގޯލު ޖެހިއިރު މިއީ ސީޒަންގެ އޭނާގެ ފުރަތަމަ ގޯލުތައް ފެނިގެންދިޔަ މެޗެވެ..
މި މޮޅާއެކު ޔުނައިޓެޑް 19 ޕޮއިންޓާއެކު 9 ވަނަ އަށް އަރައިފައި ވާއިރު، ނޮވެމްބަރު 11 ވަނަ ދުވަހު 7 މިލިއަން ޕައުންޑުގެ ފީ އެއްގައި ޔުނައިޓެޑާއި އަމޮރިމް ގުޅުނު ފަހުން އެ ޓީމު އަންނަނީ ޓެން ހާގުގެ ފަހު މުއްދަތުގައި ކުޅުނު ކުޅުމާއި ބަލާފައި ވަރަށް ރަނގަޅު ކުޅުމެއް ދައްކައި ސަޕޯޓަރުންނަށް ހިތްހަމަޖެހުން ގެނެސްދެމުންނެވެ.
މިރޭ ބަލިވި އެވަރޓަން އޮތީ 15 ވަނައިގައި، ރެލިގޭޝަން ޒޯނުން ދެ ޕޮއިންޓް މަތީގައެވެ.
މިރޭގެ ދެ ގޯލާއިއެކު ރަޝްފޯޑް މިހާރު ވަނީ އޯލްޑް ޓްރެފޯޑްގައި ޕްރިމިއަރ ލީގުގެ 50 ގޯލު ޖަހާފައެވެ. އެވަރޓަންއަށް މިއީ ވިދިވިދިގެން ގޯލެއް ނުޖެހި ބަލިވި ހަތަރު ވަނަ މެޗެވެ.









