ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން އިންތިޒާމުކޮށްގެން ހިންގާ "ސެމިނަރ ފޯރ އިންޓަރމީޑިއެޓް އެންޑް ސީނިއަރ ޕޮލިސް އޮފިސަރސް" ގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ 15 އޮފިސަރުން އިއްޔެ ޗައިނާއަށް ފުރައިފިއެވެ.
ފުލުހުން ބުނީ މި ސެމިނަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ހައިނަން ޕްރޮވިންސްގެ ހައިކޫގައި ކަމަށާއި ސެމިނަރ ކުރިއަށްދާނީ މިއަދުން ފެށިގެން 14 ޑިސެމްބަރ 2024 އަށް، ޖުމްލަ 14 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސަޢީދު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމް އާއި ނަސްރުﷲ ޖަލީލުގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 12 ފުލުހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންނަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ޤާނޫނީ ވިސްނުންފުޅުތަކާއި،
ޗައިނާގެ ފުލުހުންގެ ސްޓްރެޓެޖީ، ފުލުހުންގެ ލީޑަރޝިޕް، ފްރޯޑް ހުއްޓުވުން، ކޮމިއުނިޓީ ޕޮލިސިންގ ނިޒާމު އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެ ކަމަށެވެ. މީގެ އިތުރުން، މައްސަލަތައް ތަހުގީގު ކުރުމާއި، ކެލިގްރަފީ އަދި ސްވޮޓް ޓެކްޓިކްސްއާއި ތާއި ޖީ (ސެލްފް ޑިފެންސް) އާ ގުޅޭ ޢަމަލީ ތަމްރީނުތައްވެސް މި ސެމިނަރގައި ހިމެނޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ސެމިނަރގައި ބައިވެރިވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް ޗައިނާގެ ފުލުހުންގެ ތަޖުރިބާއިން އުނގެނި، އަދި ދެ ޤައުމުގެ ފުލުހުންނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިންމު ފުރުޞަތެއް ކަމަށެވެ.









