ސްޕެއިންގެ ލަ ލީގާގެ އެއްވަނައިގައި އޮތް ބާސެލޯނާ، މި މޫސުމުގެ ފުރަތަމަ ބަލި މިއަދު ވެއްޖެއެވެ. ލަސް ޕަލްމާސް އާއި ދެކޮލަށް ކުޅއ ބާސެލޯނާ ބަލިވީ 2-1 ލަނޑުންނެވެ.
އައު ކޯޗު ހާންސި ފްލިކްގެ އިރުޝާދުގެ ދަށުން ފުރަތަމަ ތިން މަސް ދުވަހު ބާސެލޯނާ ވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ. ރިއަލް މެޑްރިޑް އަދި ބަޔަން މިއުނިކް ފަދަ ބޮޑެތި ޓީމުތަކާއި ކުޅެ މޮޅުވެފައިވާއިރު، މިހާތަނަށް ހޯމް ގައި ކުޅުނު 8 މެޗުން މޮޅުވިޔަސް، ލަ ލީގާގެ ތިން މެޗުން މޮޅެއް ނުލިބި ނިންމާލަން ޖެހުނުކަން ފާހަގަ ކުރެވެއެވެ. ލަސް ޕަލްމާސް އަތުން ބަލިވުމުގެ ކުރިން، ރިއަލް ސޮސިއެދާދް އަތުން 1-0 އިން ބަލިވެ، ސެލްޓާ ވީގޯ އާ އެކު 2-2 އިން އެއްވަރުވެފައި ވެއެވެ.
ރިއަލް މެޑްރިޑަށް މިހާރު ޗެމްޕިއަންސް ލީގުގައި ދިމާވެފައިވާ ދަތިތަކާއެކުވެސް، ލަ ލީގާގައި ބާސެލޯނާ އަށްވުރެ ކުރިއަށް ދެވިދާނެއެވެ. މިހާރު މެޑްރިޑް އޮތީ ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ. އަދި މެޑްރިޑަށް އިތުރު ދެ މެޗު ކުޅެން އެބައޮތެވެ.
ލަސް ޕަލްމާސްގެ ސާންޑްރޯ ރަމިރެޒް އަދި ފާބިއޯ ސިލްވާ ވަނީ ލަނޑު ޖަހާފައެވެ. ބާސެލޯނާގެ ލަނޑު ޖެހީ ރަފިންހާއެވެ.
މި މެޗަކީ 1972/73 ވަނަ ސީޒަނަށް ފަހު ލަސް ޕަލްމާސް އިން ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅެ މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ބާސެލޯނާގެ ހޯމްގައި ކުޅެ މޮޅުވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ބާސެލޯނާގެ ހޯމްގައި ކުޅުނު 34 މެޗުން ބަލިވެ، ތިން މެޗުން އެއްވަރުވެފައިވެއެވެ.

ބާސެލޯނާގެ ލަމީން ޔަމަލް ވަނީ މިމެޗުގައި ކުޅެފައެވެ. އޭނާގެ އެންމެ ރަނގަޅު ޝޮޓް ލަސް ޕަލްމާސްގެ ގޯލްކީޕަރު ޖާސްޕަރ ސިލެސެން ވަނީ ހުއްޓުވާފައެވެ. މެޗުގެ ފަހު މިނެޓުތަކުގައި ރަފިންހާގެ ފްރީ ކިކެއްވެސް ސިލެސެން ވަނީ ހުއްޓުވާފައެވެ.









