މި އަހަރު އެކި މައްސަލަތަކުގައި 50 ފުލުހަކަށް ފިޔަވަޅު އަޅައި، 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޝުޖާއު ވިދާޅުވީ އެއްވެސް ކަހަލަ ނުފޫޒެއް ނުވަތަ އެހެން ކަހަލަ ކުށްތަކުން އެއްކިބާވެފައި ތިބި ބަޔަކަށް ފުލުހުން ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އުސޫލުތަކާއި ހިލާފުވާ ފުލުހުންނާއި މެދުގައި ނިޒާމުގެ ތެރެއިން މިހާރު ވެސް ގަވާއިދުން ފިޔަވަޅު އަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރު ފުލުހުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ އެކި ޝަކުވާތައް ބަލައި 50 އަށް ވުރެ ގިނަ ފުލުހުންނަށް ފިޔަވަޅު އަޅައި، އޭގެ ތެރެއިން 20 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ފުލުހަކު، އެ އޮންނަ އުސޫލުތަކާއި ހިލާފަށް މަސައްކަތްކުރާ ނަމަ، އެ ފުލުހަކާއި ދޭތެރޭގައި ފިޔަވަޅު އެޅޭނެ،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންގެ މަސައްކަތަކަށް ފާރަވެރިވާނެ ދެ މުއައްސަސާއެއް ވެސް އެބައޮތް ކަމަށާއި އެ މުއައްސަސާތަކުން ހިންގާ ތަހުގީގުތަކަށް ވެސް ފުލުހުން ފުރިހަމައަށް އެއްބާރުލުން ދޭ ކަމަށެވެ. ފުލުހުންނަކީ އެއްވެސް ނުފޫޒަކަށް ބޯލަނބައި ނުވަތަ އެއްވެސް ނުފޫޒެއްގެ ދަށުވެގެން މަސައްކަތް ކުރާ ގޮތަށް ފަރުމާކުރެވިފައި އޮތް މުއައްސަސާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.









