މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި ފުލުހެއްގެ ބައިވެރިވުން އޮތްކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.
މީހެއްގެ ވައިބަރ އެކައުންޓް ހެކްކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާފައިވާއިރު މިހާތަނަށް 3 މީހެއްގެ އަތުން 10،100 ރުފިޔާ އޮޅުވާލައިގެން ހޯދާފައިވާކަން ފުލުހުން ފާހަގަ ކުރެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ފުލުހެއްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެއް އެކައުންޓަކީ ފުލުހަކާއި ކައިވެނިކޮށްގެން އުޅޭ މީހެއްގެ އެކައުންޓެއްކަމަށާއި، އެ އެކައުންޓަކީ ވެސް ކޮމްޕްރޮމައިޒްކޮށްފައިވާ އެކައުންޓެއްކަން ތަޙުޤީޤަށް ހާމަވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ބަލަމުންދާކަމަށާއި، މައްސަލައިގެ ތަހުގީގުގެ އެއްވެސް ހިސާބަކުން ފުލުހެއްގެ ބައިވެރިވުން ފާހަގަކުރެވިއްޖެނަމަ އެ ފުލުހެއްގެ މައްސަލަ ބަލާނެކަމަށް ފުލުސް އޮފީހުން ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަން ކިލަނބުވާ ގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުގައި މައުލޫމާތު ނުފެތުރުމަށް ފުލުސް އޮފީހުން އިލްތިމާސް ކޮށްފައި ވެއެވެ.









