ބައެއް މީޑިއާގެ ވަސީލަތްތަކުގައި ކުޑަކުދިންގެ މަޢުލޫމާތު އާންމުކުރާއިރު އެކުދިންގެ ކަރާމަތާއި ރައްކާތެރިކަމަށް އުނިކަން އަންނަ މަޢުލޫމާތާއި ތަސްވީރުތައް އާންމުކުރާތީ ކަންބޮޑުވުން ފާޅުކޮށް، އެފަދަ ޢަމަލުތަކާއި ދުރުހެލިވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެ ކަމަށެވެ..
ފުލުހުން އިތުރަށް ބުނީ، ކުޑަކުދިންގެ ފޮޓޯ މީސްމީޑިއާގައި ދައުރުވަމުންދިއުމަކީ އެ ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއްކަމަށެވެ. އަދި މީގެ ސަބަބުން ކުޑަކުދިން އެކި ބާވަތުގެ އަނިޔާތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ކުޑަކުދިންގެ މަޢުލޫމާތު އާންމުކުރާއިރު، އެ ކުދިންގެ ކަރާމަތާއި ރައްކާތެރިކަން ނެގެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންގެ ފޮޓޯތަކާއި އެހެނިހެން ޒާތީ މަޢުލޫމާތު މީސްމީޑިއާގައާއި އެހެނިހެން މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢު ނުކުރުމަށާއި، އެ ކުދިންނާއި ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ޤާނޫނީ އިމުގެ ތެރެއިން ޢަމަލުކުރުމަށް ވެސް މީޑިއާތަކާއި އާންމު ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.









