ފުލުހުން ޓޯކޮށްފައި ބަހައްޓާފައިވާ އުޅަނދުތައް އެ އުޅަނދުތަކުގެ ވެރިފަރާތްތަކުން 60 ދުވަހުގެ ތެރޭގައި ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއްޔެ އާންމުކޮށް އަންގައިފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އިޢުލާނެއްގައި ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި 17 މޮޓޯސައިކަލާއި، 14 ކާރާއި، 2 ވޭނާއި އަދި ޓްރަކެއް ހިމެނެއެވެ. މި އުޅަނދުތައް ގެންދިއުމަށް އޭގެ ވެރިފަރާތްތަކަށް އިއްޔެއިން ފެށިގެން 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް އަންގާފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުގެންގޮސްފިނަމަ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް އެ އުޅަނދުތައް ނައްތައިލެވޭނެއެވެ.








