މާލޭގައި ހުންނަ ސިނަމާލެ ފްލެޓްތައް ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ބުރުޒު މަގުގައި ހުންނަ ސިނަމާލޭ އެކެއްގެ ޕާކިން ޒޯނުގައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލައެއް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ..
އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު، 35، އާއި އދ. މާމިގިލީ، މާލެ، ބްލޫވިންޑް، ހަސަން ނަސީމް، 31 އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އަލިފާން ރޯކޮށްލާފައި ވަނީ އެ ކާރުގެ ކުރީކޮޅުގަ އެވެ.
އެ ކާރުގެ އެހެން ބައިތަކުގައި އަލިފާން ހިފުމުގެ ކުރިން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އަލިފާން ނިއްވާލައިފަ އެވެ.









