ޗެމްޕިއަންސް ލީގުގައި މިރޭ އޭސީމިލާނާއި ސްލޮވާން ބްރެޓިސްލާވާއާ ދެކޮޅަށް ކުޅޭ މުހިއްމު މެޗުގައި ފޯވާޑް ރަފައެލް ލިއާއޯ އަށް ފުރުސަތު ލިބިދާނެ އެވެ. ކޯޗު ޕައުލޯ ފޮންސެކާ މެޗުގެ ކުރިން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އޭނާ ރަނގަޅު" ކަމަށް ޔަގީންކަން ދިން ނަމަވެސް އިޓަލީގެ ގިނަ މީޑިއާ ލަފާކުރާ ގޮތުގައި މިލާނުން ލިއާއޯ އަށް އަރާމުކޮށްލަން ނިންމޭނެ ކަމަށާއި އޭނާގެ ބަދަލުގައި ނޯއާ އޮކާފޯ ކުޅެން އަރުވާނެއެވެ.
ފޮންސެކާ އޭނާގެ ފުރަތަމަ އެގާރައާއި މެދު އެއްޗެއް ނުބުމެ ހުރުމުން ޝައްކުތައް އިތުރުވި އެވެ. "ރަފާ ރަނގަޅު. އަހަރެންނަށް ހުރިހާ ކުޅުންތެރިންނާއި މެދު ވެސް ޔަބީންކަން އެބައޮތް،" ކޯޗު ބުންޏެވެ. "އަހަރެން ބޭނުމީ މޮޅުވެވޭނެ ޓީމެއް ނެރެން. އެއީ ލިއާއޯ ނުކުޅެވޭނެ ކަމުގެ ފުރުސަތު އޮތީތޯ، ނޫންތޯ ބުނަން އަދި ދަތި.. ކުޅެވޭނެ ކަމަށް ވެސް ވެދާނެ."
މެޗުގެ ކުރިން މީޑިއާއާއި ވާހަކަ ދެއްކި ޓެމީ އަބްރަހަމް އާއި އެކު ކްރިސްޓިއަން ޕުލިސިޗް އާއި ސެމިއުލް ޗުކުވޭޒް ކުޅެން ފަށާނެ ކަމަށް ބެލެވެ އެވެ.
މިލާން މިވަގުތު އޮތީ ޗެމްޕިއަންސް ލީގުގެ ތާވަލުގެ 20 ވަނައިގައެވެ. ގަދަ 24 އަށް ވަދެ ނޮކްއައުޓް ބުރުގެ ޕްލޭއޮފްގެ ޖާގައެއް ކަށަވަރު ކުރުމަށް މިރޭގެ މެޗް ވަރަށް މުހިންމެވެ. ލީގު މަރުހަލާގެ ގަދަ އަށް ޓީމު ސީދާ 16 ވަނަ ބުރަށް ދަތުރުކުރާއިރު، 9 ވަނަ އިން 24 ވަނަ އަށް ވާދަކުރާ ޓީމުތައް ބާކީ ހުރި ޖާގަތަކަށް ވާދަކުރާނެ އެވެ.
ލިވަޕޫލާއި ބަޔާން ލެވަކޫސަން އަތުން ޖެހިޖެހިގެން ބަލިވުމަށްފަހު މިލާން ވަނީ ކްލަބް ބްރޫޖް އަދި ރެއާލް މެޑްރިޑް އަތުން ޖެހިޖެހިގެން މޮޅުވެ ފޯމު ރަނގަޅުވެފައެވެ.









