މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމަށް އައިސް ކުޅުނު ފުރަތަމަ މެޗު ޕޮއިންޓަކުން ފުއްދާލަން ޖެހުމުން، ފުރަތަމަ މެޗަށްފަހު ކެތްތެރިވުމަށް ރޫބެން އަމޯރިމް ގޮވާލައިފިއެވެ
މެންޗެސްޓާ ޔުނައިޓެޑުގެ އައު ކޯޗު ރޫބެން އަމޮރިމް ވަނީ އޭނާގެ ކުޅުންތެރިން އޭނާގެ ނިޒާމާއި ފަލްސަފާއަށް އެޑްޖަސްޓް ވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ބުނެފައެވެ. ޔުނައިޓެޑްގެ ހެޑް ކޯޗުގެ މަގާމުގައި އޭނާ ކުޅުނު ފުރަތަމަ މެޗު ނިމުނީ ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް 1-1 އިން އެއްވަރުވެގެންނެވެ.
ޔުނައިޓެޑަށް މެޗު ފެށުނީ ވަރަށް އުޖާލާކޮށް ކަމަށާއި، މެޗުގެ ދެވަނަ މިނެޓުގައި މާކަސް ރެޝްފޯޑް ލަނޑެއް ޖަހައިދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިޕްސްވިޗް ޓައުން އިން ވަނީ އޮމާރީ ހަޗިންސަން މެދުވެރިކޮށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހިސާބުން އަމޮރިމްގެ ޓީމަށް ލީޑު އަނބުރާ ހޯދައިދެވޭ ގޮތެއް ނުވި އެވެ.
މެޗަށްފަހު ވާހަކަ ދައްކަވަމުން އަމޮރިމް ވަނީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނައުމުގައި ހުރި ގޮންޖެހުންތައް ގަބޫލުކުރައްވާފައެވެ. "އެކީގައި އެންމެ ތިން ދުވަސް ހޭދަކުރުމަށްފަހު މާ ބޮޑު އުއްމީދެއް ކުރަން އުނދަގޫ،" އޭނާ ބުންޏެވެ. "ފީފާގެ އިންޓަނޭޝަނަލް ބްރޭކަށްފަހު ސްކޮޑްގެ ގިނަ ބަޔަކު އެނބުރި އައީ ދާދި ފަހުން، އަދި ފުރިހަމަ ގްރޫޕެއްގެ ގޮތުގައި ފަރިތަކުރުންތަކަށް ލިބުނީ އެންމެ ދެ ދުވަސް."
އަމޮރިމް ބޭނުންކުތީ 3-4-2-1 ފޯމޭޝަނެވެ. މިއީ އޭނާ ކުރިން ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ނިޒާމެކެވެ. ނަމަވެސް މި ސްޓައިލަށް އެޑެޕްޓްވާން ވަގުތު ނަގާނެ ކަމަށް އޭނާ އެއްބަސްވެ އެވެ. "އަހަރެން މިގޮތަށް މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ، އެކަމަކު ކުޅުންތެރިންނަށް މިއީ އާ ކަމެއް. ބަދަލަށް ވަގުތު ނަގާ، އަދި ބައެއް އުނދަގޫތައް ތަހައްމަލު ކުރަން ތައްޔާރަށް ތިބެން ޖެހޭ،" އޭނާ ބުންޏެވެ.
އިތުރަށް އަމޮރިމް ބުނީ، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއކ އެކަމަކު މިއީ ޕްރޮސެސްގެ ބައެއް ކަމަށެވެ. “އަންނަ އަހަރުގެ ނިޔަލަށް އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން ތިބޭނީ މާ ރަނގަޅު ހިސާބެއްގައި”.









