މާލޭގެ ފުރުގާން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިސް ނަމާދުގެ ކުރިންނެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ޝައިޚް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ފުރުގާން މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ހަލާކުކޮށްލާފައިވެއެވެ. މީގެ އިތުރުން، ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެ ތަނަށް އުކާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިޝާން ވިދާޅުވި ގޮތުގައި މިކަން ކޮށްފައިވަނީޮށްފައިވަނީ ނަމާދު ގަޑިތަކުގައި އެ މިސްކިތް ތެރޭގައި ނިދާފައި އޮންނަ 'ބުއްދި ފިލާ' ގޮސްފައިވާ ޒުވާނެކެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް އޭނާ މިސްކިތުގެ ހަތިމުތައް އުކާލުމާއި އެފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ނިޝާން ވަނީ މިސްކިތަށް ބޮޑެތި ގެއްލުންތައް ދޭއިރުވެސް އެ ތަނުގައި ކެމެރާ ހަރުކޮށްގެން މާލެ ސިޓީ ކައުންސިލުން 24 ގަޑިއިރު ބަލަން ތިބުމުގެ އެއްވެސް ފައިދާއެއް އޮތްތޯ ސުވާލު އުފައްދާފައެވެ. އަދި ކީރިތި ގުރުއާނަށާއި اللهގެ ގެކޮޅުގެ ހުރުމަތް ކަނޑައިގެން އެތައް ފަހަރަކު އޭނާގެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވާއިރުވެސް އެކަމަށް އެޅޭނެ ފިޔަވަޅެއް ނެތީތޯވެސް ސުވާލު އުފެއްދިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ، ފުރުގާނު މިސްކިތައް ގެއްލުންދީފައިވާ މައްސަލައެއް މިއަދު ފަތިހުގެ ވަގުތެއްގައި ރިޕޯޓު ކުރި ކަމަށާއި އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.









