ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 25 އިންސައްތަ ދަށްވެފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ އަށް މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 2.7 މިލިއަން ރުފިޔާ ނުވަތަ 25 އިންސައްތަ މަދު އަދަދެކެވެ.
ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ކޮންމެ ކޮތަޅަކަށް ދެރުފިޔާ ނެގުމަށް ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18ވަނަ ދުވަހުން ފެށިގެންނެވެ. މި ފީ ނެގުމަށް ނިންމާފައިވަނީ ކުނި މެނޭޖް ކުރުމުގެ ޤާނޫނުގެ ދަށުންނެވެ. ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް މި ފީ ނެގެއެވެ.
Advertisement

ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅު ފީގެ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އެހެންކަމުން، ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ ޖުމްލަ އަދަދު ޓެކުހުގެ ގޮތުގައި މީރާއަށް ދައްކަން ޖެހެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕްލާސްޓިކް ކޮތަޅު ފީ ތަޢާރަފުކުރުމުގެ މަޤްޞަދު ކަމުގައިވާ ޕްލާސްޓިކް ކޮތަޅުގެ ބޭނުން މަދުކުރުމަށް ކޮންމެވެސް ވަރަކަށް ކާމިޔާބު ވަމުންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މި ކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވަމުންދާކަންވެސް ފާހަގަކުރެވެއެވެ.







