ކުރީގެ މޮޅު ފޯމު މިހާރު ގެއްލިފައިވާ މެންޗެސްޓާ ސިޓީގެ ކުޅަދާނަ ސްޓްރައިކަރު ހާލަންޑާމެދު ޝައުގެއް ނެތް ކަމަށް ބާސާގެ ސްޕޯޓިންގ ޑިރެކްޓަރު ޑެކޯގެ ވާހަކަތަކުން އެނގިއްޖެއެވެ. މީގެ ކުރިން ބާސާގެ ލަނޑު ޖެހުމުގައި ދިމާވި ދެރަ ޙާލަތާއި ގުޅިގެން ސްޓްރައިކަރަކަށް ސަޕޯޓަރުން ދިޔައީ ޑިމާންޑް ކުރަމުންނެވެ. އެގޮތުން ހާލަންޑް ގެންދިޔުމަށް މެނޭޖްމެންޓުން މަސައްކަތް ކުރާކަމަށް ވެސް އަޑުތައް ފެތުރުނެވެ.
މީޑިއާ ރިޕޯޓްތަކުގައިވާ ވާހަކަތަކަށް ރައްދު ދެމުން ހާލަންޑުގެ ނަން ނުބުނެ، ނަމަވެސް ނުސީދާކޮށް ޑެކޯ ބުނީ ބާސެލޯނާއަށް މިވަގުތު ހާލަންޑް މުހިއްމެއް ނޫނެވެ. އާ ސްޓްރައިކަރަކު ގެނައުމަކީ މިވަގުތު އެ ކްލަބުގެ އަމާޒެއް ވެސް ނޫނެވެ.
ޑެކޯ ބުނީ މިހާރުގެ ސްޓްރައިކަރު ލެވަންޑޮވްސްކީގެ ކުޅުމާމެދު ހިތްހަމަޖެހެއެވެ. މި މޫސުމުގައި ލެވަންޑޮވްސްކީ ވަނީ 13 މެޗުން 14 ލަނޑު ޖަހައި އެއް އެސިސްޓް ދީފައިވެއެވެ.
ޑެކޯ ބުނި ގޮތުގައި ލެވަންޑޮވްސްކީގެ ފެންވަރުގެ ސްޓްރައިކަރުން މިހާރު ވަރަށް މަދެވެ. އޭނާ ބުނި ގޮތުގައި ހާލަންޑް ފިޔަވައި އެ ފެންވަރުގެ އެހެން ސްޓްރައިކަރެއް ނެތެވެ.
ޑެކޯ އިތުރަށް ބުނި ގޮތުގައި ލެވަންޑޮވްސްކީ އިތުރު އެއް ސީޒަނުގައި ބާސެލޯނާގައި ހޭދަކުރުމަކީ އެ ކްލަބުގެ އަމާޒެއް ކަމަށާއި، ލެވަންޑޮވްސްކީ ބާސެލޯނާގައި އުފަލުން ބެހެއްޓުމަށް އަބަދުވެސް މެނޭޖްމެންޓުން މަސައްކަތް ކުރާކަމަށެވެ.
މި ސީޒަނުގައި ލަލީގާގައި އެންމެ ގިނަ ލަނޑު ޖެހީ ލެވަންޑޮސްކީއެވެ. އޭނާގެ ފަހަތުން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ރެއަލް މެޑްރިޑްގެ ވިނިސިއަސް ޖޫނިއަރއެވެ. އޭނާ ވަނީ އަށް ލަނޑު ޖަހާފައެވެ.









