އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ސަރުކާރުން ދިވެހި ރައްޔިތުންނަށް ޖައްސާފައި ދިޔަ ބިކަ ޙާލުން ސަލާމަތް ކުރާނެ ބަޖެޓު ކަމަށް ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުން އަސަދުﷲ ވަނީ ދިވެހިންގެ ރާއްޖެއަށް ދިވެހިން ގެންދެވޭނެފަދަ ފުރިހަމަ ބަޖެޓަށް މަޖިލީހަށް ހުށަހަޅުއްވައިދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި މާލީ ވަޒީރު މޫސާ ޒަމީރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
އަސަދުﷲ ވިދާޅުވީ މި ބަޖެޓަކީ އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ޖައްސާފައި ދިޔަ ބިކަ ޙާލުން ސަލާމަތް ކުރާނެ ބަޖެޓު ކަމަށެވެ. އަދި މި ބަޖެޓަކީ އުއްމީދީ ބަޖެޓަށް ގޮތުގައި ފާހަގަކުރެވެނީ ގެމަނަފުށި ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް މި ބަޖެޓުން ޙައްލު ލިބޭނެތީ ކަމަށް އަސަދުﷲ ވިދާޅުވިއެވެ.
އަސަދުﷲ ވިދާޅުވީ މި ބަޖެޓުގެ ތެރެއިން ގއ. ދެއްވަދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ދެއްވަދޫގެ މަސްވެރިންނާއި ރައްޔިތުންނަށްވެސް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުވެގެންދާނެ ކަމަށެވެ. އަދި ދެއްވަދޫގައި އައު ކައުންސިލް ޢިމާރާތެއް އެޅުމާއި، ޒުވާނުންނަށްޓަކައި ދެއްވަދޫގެ ފުޓުބޯޅަދަނޑު ނިންމުމާއި، ރައީސް މުޢިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ދެއްވަދޫއަށް ލޯކަލް ޓޫރިޒަމް ތަޢާރަފްކޮށް، އެ މިސްރާބަށް ދެއްވަދޫ ބަދަލުކުރާނީ މި ބަޖެޓުން ކަމަށް އަސަދުﷲ ވިދާޅުވިއެވެ.
އަސަދުﷲ ވިދާޅުވީ ކަނޑުހުޅުދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، އެ ރަށުގައި އޭޓީއެމް އެއް ނެތް މައްސަލައާއި، ކަނޑުހުޅުދޫގެ މައި ކަރަންޓު ކޭބަލް ބަދަލުކޮށް އަދި ތާއަބަދަށް ކަނޑުހުޅުދޫގައި އޮތް ކަރަންޓު ކެނޑުމުގެ މައްސަލައަށް ޙައްލު ގެނައުމާއި، ކަނޑުހުޅުދޫގެ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ބޭނުންވާ މަލްޓި-ޕާޕޯސް ހޯލާއި ކްލާސްރޫމްތައް އަޅައިދިނުމާއި، އަދި ކަނޑުހުޅުދޫގައި ޔޫތު ސެންޓަރެއް އެޅުމުގެ އުއްމީދު އާވެގެންދާނެ ބަޖެޓަކީ މި ބަޖެޓު ކަމަށެވެ.
އަސަދުﷲ ވިދާޅުވީ "ޤައުމު ފުނޑިއްޖެއޭ، ފުދިއްޖެއޭ" ކިޔަމުން އެމްޑީޕީން މަގު މައްޗަށް ނުކުންނަ އިރު، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށެވެ. އެގޮތުން ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ވެސް ފާހަގަކުރެއްވި ފަދައިން އެމްޑީޕީ ސަރުކާރުން ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި މެނޭޖުކުރި ގޮތް މޮޅުކަމުން ދުނިޔޭގެ ޤައުމުތަކުގެ ވެރިންވެސް އެ ފޯމިއުލާ ހޯދުމަށް އެމްޑީޕީ ގާތުގައި އެތައް ފަހަރަކު އެދުނު ކަމަށް އަސަދުﷲ ވިދާޅުވިއެވެ.
"ކޮވިޑް-19 ގައި ދުނިޔޭގެ ނިސްބަތުން، އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ނިޔާވީ ދިވެހިރާއްޖޭގައި. ކޮވިޑް-19 ގައި އާބާދީގެ ނިސްބަތުން، ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނީ ދިވެހިރާއްޖޭގައި. ކޮވިޑް-19 އާ ހެދި އިޤްތިޞާދަށް ކުރި އަސަރާ ހެދީ ދުނިޔޭގެ ނިސްބަތުން، އާބާދީގެ ނިސްބަތުން ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މި ދިވެހިރާއްޖޭގައި. ކޮވިޑް-19 އާއި ގުޅިގެން ފައިސާގެ އަގު އެންމެ ބޮޑަށް ވެއްޓުނީ މި ދިވެހިރާއްޖޭގައި. އަދި ވަކިން ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ޤައުމެއްގައި ހިނގި އެންމެ ބޮޑު ވައްކަން ހިނގީ މި ޤައުމުގައި، އެއީ ވެންޓިލޭޓަރުން ކުރި ވައްކަން. މިއީ މިބޭފުޅުން މި ވިދާޅުވާ މޮޅު ފޯމިއުލާ އަކީ." އަސަދުﷲ ވިދާޅުވިއެވެ.
އަސަދުﷲ ވިދާޅުވީ މި ފޯމިއުލާގެ އެންމެ މޮޅު ބަޔަކީ ދުނިޔޭގެ ޤައުމެއްގެ ރައީސެއް، އެ ރައީސެއްގެ ޕީއާރު ޓީމުން ބުނުމުން، އެ ބުނިގޮތަކަށް އަޑުން އަޑު ނަގާފައި، ކެމެރާ ކުރިމައްޗަށް އަރައި އެންމެ ބާރަށް ރުއީ އޭރުގެ ރައީސް ކަމަށެވެ.
ބަޖެޓާ ގުޅޭ ގޮތުން އަސަދުﷲ އިތުރަށް ވިދާޅުވީ ގެމެނަފުށީގެ މަގުތަކުގައި ދުއްވާލުމުން ފުނޑެނީ މީހާކަމެއް ވެހިކަލް ކަމެއް ނޭނގޭ ކަމަށާއި، 2025 ގެ ބަޖެޓު އުއްމީދީ ބަޖެޓަކަށް ވަނީ އެ މައްސަލައަށް ޙައްލު ގެނެސްދޭނެ ބަޖެޓަށް އެ ބަޖެޓު ވާތީ ކަމަށެވެ. އެ ބަޖެޓުގެ ސަބަބުން ގެމަނަފުށީ މަސްވެރިންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށް، ގެމެނަފުށީގެ ކައުންސިލް އިދާރާއަކީ ޒަމާނީ ކައުންސިލް އިދާރާއަކަށް ބަދަލުކޮށް، ގެމަނަފުށީގެ ޒުވާނުން ބޭނުންވެފައިވާ މައި ފުޓުބޯޅަދަނޑާއި ޔޫތު ސެންޓަރު ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އަސަދުﷲ ވިދާޅުވިއެވެ. އަދި ގެމަނަފުށީގެ ދަރިވަރުންނާއި ބެލެނިވެރިން އެދިއެދި ތިބި މަލްޓި-ޕާޕޯސް ހޯލް އަޅައި، އެ ބަޖެޓުގެ ތެރެއިން ތަރައްޤީގެ ނާރެހުގައި ގެމެނަފުށީގެ ރައްޔިތުން އާ ހަރުފަތަކަށް ގެންގޮސްދޭނެ ކަމަށް އަސަދުﷲ ވިދާޅުވިއެވެ.
އަސަދުﷲ ވިދާޅުވީ މި ޤައުމުގެ ހިންގުމާއި ރައީސް މުޢިއްޒު ޙަވާލުވެވަޑައިގެންނެވި އިރު، އެމްޑީޕީގެ ނާޤާބިލު ސަރުކާރުން ޖެއްސި ދަރަނި ދަންތުރާއިން މި ޤައުމު ސަލާމަތްކުރަމުން އަންނަނީ ރައީސް މުޢިއްޒު ކަމަށާއި، އެމަނިކުފާނު އެ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެއްވެސް ދިވެހި ރައްޔިތެއްގެ އަތުން ފައިސާއާއި އިތުރު ޓެކްސްތައް ނުނަގާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޖީބަށް ބަރުނުކޮށް، ރައީސް މުޢިއްޒުގެ ހުށިޔާރު މަސައްކަތްޕުޅުން މި ޤައުމު މިއަދު ސަލާމަތުގެ އައްސޭރިއަށް ގެންދަވާފައިވާކަމަށް އަސަދުﷲ ވިދާޅުވިއެވެ.
"ދަރަނި ދަންތުރާގައި ޤައުމު އޮއްވާވެސް މަސްވެރިންނަށް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މި ސަރުކާރުން. ކޮންޓްރެކްޓަރުންނަށް އެންމެ ގިނަ ޢަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މި ސަރުކާރުން. ބޭރުގައި ތަޢުލީމް ޙާޞިލުކުރަމުންދާ ދަރިވަރުންނަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ މި ސަރުކާރުން. އާސަންދައާއި އެންސްޕާއަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މި ސަރުކާރުން." އަސަދުﷲ ވިދާޅުވިއެވެ.
އަސަދުﷲ އިތުރަށް ވިދާޅުވީ 2025 ގެ ބަޖެޓަކީ އެބޭފުޅާގެ ދާއިރާގެ ތިން ރަށް، ތަރައްޤީގެ ދުވެލީގައި ދުވަހަކުވެސް ނުދާހާ ބާރު މިނެއްގައި ކުރިއަރައިގެންދާނެ ބަޖެޓުކަމަށާއި، އެކަމުގެ ފުރިހަމަ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް އަރުއްވާ ކަމަށެވެ.






