ފުރާ ބިދޭސީން އަތުން ފީ ނަގަނީ ޕާޓީއަށް މަސައްކަތް ކޮށްދިން ފަރާތްތަކަށް ބަދަލުދޭކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
އެއާޕޯޓުން ފުރާ ބިދޭސީންގެ އަތުން އެއާޕޯޓް ޑިވެލޮޕްކުރުމަށް ފީއެއް ނެގުމަށް ހުށަހެޅި އެ ބިލަށް ވާހަކަދައްކަވަމުން އެ ބިލް ހުށަހެޅި މެމްބަރު އަސަދު ވިދާޅުވީ، އެ ބިލުގެ ސަބަބުން އެއްވެސް ދިވެއްސަކަށް ތަކުލިފެއް އުފުލާކަށް ނުޖެހޭނެއެވެ. އަދި އެބިލަކީ ސޮވެރިން ޑިވެލޮޕަންޓް ފަންޑަށް ފައިސާ ހޯދުމުގެ މަޤްޞަދުގައި ހުށަހެޅި ބިލެއް ކަމަށާއި އެއްވެސް ޙާލަތެއްގައި ޕާޓީއަށް މަސައްކަތްކޮށްދިން ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއްޗެއް ދިނުމަށް ހުށަހެޅި ބިލެއް ނޫނެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އެއާޕޯޓްތައް ތަރައްޤީކުރުމަށްޓަކައި އެކި ބާވަތްތަކުގެ ޓެކްސްތައް ނަގައެވެ. އެންމެ ކައިރިން ބަލާނަމަ އިންޑިއާ އާއި ސްރީލަންކާއިން ވެސް ޕަސިންޖަރުންގެ އަތުން ޓެކްސް ނަގާއިރު، މެންބަރު އަސަދު ވެސް ހުށަހެޅުއްވި ބިލުގައި ވަނީ އެކަމުގެ ސަބަބުން ދިވެހިރާއްޖެ ތަރައްޤީވެ އެއިން ދިވެހިންނަށް މަންފާވާނެ ފީ އެއް ނެގުމަށެވެ.
"ދުނިޔޭގެ އެހެން ތަންތާނގައިވެސް އެއާޕޯޓްތައް ތަރައްޤީކޮށްފައި ހުރީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ނަގައިގެން. ފަހަރެއްގައި އެބޭފުޅުންނަށް / އެމްޑީޕީ މެމްބަރުންނަށް އެކަން އޮޅިވަޑައިގެންފައި އޮތީ ކަމަށް ވެދާނެ. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެމްޑީޕީން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ. އަދި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ވަކި ބައެއް އެޑިޓް ކޮށްލުމަށްފަހު ޓުވީޓް ކުރަންވެސް އެމްޑީޕީން އަންގަފާނެ". ބިދޭސީންގެ އަތުން ޓެކުހެއް ނަގާތީވެ ރައްޔިތުންނަށް އެކަމުގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި އިދިކޮޅު އެމްޑީޕީން ފަތުރާ ދޮގު ވާހަކަތަކަށް އިޝާރާތް ކުރައްވައި، އޭނާ ހުށަހެޅުއްވި ބިލުގެ މުހިއްމުކަން ބަޔާންކޮށް މަޖިލީހުގައި ވިދާޅުވިއެވެ.
ދިވެހިން ގިނަ ޢަދަދަކަށް ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކޮށްލުމަށް އެކި ޤައުމުތަކަށް ދަތުރުކުރާއިރު މުޅިން ކަހަލަ ގޮތަކަށް ދަތުރުކުރަނީ އިކޮނޮމީ ކުލާހުންނެވެ. ވަރަށް މަދު މީހަކު ނޫނީ ބިޒްނަސް ކުލާހުން ދަތުރެއް ނުކުރެއެވެ. ބިޒްނަސް ކުލާހުން ޢާންމުކޮށް ދަތުރުކުރަނީ ވެސް މުއްސަނދިން ކަމަށް ވާއިރު، އަސަދު ހުށަހެޅި ބިލުގެ ސަބަބުން އެއްވެސް ދިވެއްސަކު ތަކުލީފު އުފުލާކަށް ނުޖެހޭނެއެވެ. އެއްވެސް ޕަސެންޖަރެއްގެ އަތުން އިކޮނޮމީ ކުލާޙުގައި ދަތުރުކޮށްގެން އެއްވެސް ފީ އެއް ނެގުމަށް އޭނާ ހުށަހެޅުއްވި ބިލުގައެއް ނެތެވެ.
އަސަދު ހުށަހެޅުއްވި ބިލުގެ ޙަޤީޤަތް އޮޅުވާލުމަށްތަކައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މަޖިލިސް ފުލޯގައި އޭގެ ޙަޤީޤީ މާނަ އޮޅޭ ގޮތަށް ވާހަކަ ދައްކަވާފައިވާތީ އެކަމަށް ވެސް ގެމަނަފުށި ދާއިރާގެ މެންބަރު އިޝާރާތް ކުރެއްވިއެވެ. އަދި ރައްޔިތުން ނިކަމެތި ކޮށްލީ ނިމިދިޔަ އެމްޑީޕީ ސަރުކާރުންކަމަށް ވިދާޅުވިއެވެ.
އަސަދު ވިދާޅުވީ މިސަރުކާރުން ވަޢުދުވީ ދިވެހި ރައްޔިތުންގެ އަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑު ނުކުރަން ކަމަށާއި އަދި ކަންތައް ހިނގަނީ ވެސް އެ މަގުން ކަމަށް ވާއިރު، އެއާޕޯޓް ޑިވެލޮޕްމެންޓަށް ލިބޭ ފައިސާއިން އެއާޕޯޓް ހެދި، ޤައުމަށް ތަރައްޤީ ލިބުނީމަ ދިވެހިންނަށް އަންނާނެ ކުރިއެރުމުގެ ވާހަކަ އެމްޑީޕީގެ މަޖިލިސް މެމްބަރުން މަޖިލީހުގައި ނުދައްކަނީ ކީއްވެގެންތޯ ސުވާލު އުފެއްދިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ނުކުރުމަށެވެ. އަސަދު ވަނީ މަޖިލީހުގައި އެކަން ފާހަގަކޮށް، އެމްޑީޕީ ސަރުކާރުން ފޫވައްޓާލި ދައުލަތުގެ ޚަޒާނާއަށް ރައީސް މުޢިއްޒުގެ ސަރުކާރުން ފައިސާ ވައްދަމުންދާކަމަށް ވެސް އިޝާރާތް ކުރައްވާފައެވެ. "އަޅުގަނޑުމެންގެ މި ސަރުކާރު، ޑރ. މުޢިއްޒުގެ ސަރުކާރުން ވަޢުދުވީ ދިވެހި ރައްޔިތުންގެ އަތުން ނަގާ އެއްވެސް ޓެކުހެއް ބޮޑު ނުކުރަން. އެމަގުން މިހާރުވެސް ކަންތައް ކުރަމުން މިދަނީ. އަޅުގަނޑުމެން މިސަރުކާރާއި ޙަވާލުވީ އެމްޑީޕީން ފަސްއަހަރު ތެރޭގައި ކެއިކެއިނުން ކައި ހުސްކޮށްލި ޚަޒާނާއަށް ފައިސާ ވެއްދުމަށް ވަޢުދުވެގެން. އެމަސައްކަތް ކާމިޔާބުކަމާއިއެކު ހިނގަމުންދާތީ ދިވެހި ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރަން ތިބި ބަޔަކު ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ" ގެމަނަފުށީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަނީ އިނދަޖައްސާލާފައެވެ. ކޮންޓްރެކްޓް މަސައްކަތްތައް ޙަވާލުކޮށް އެ މަސައްކަތް ނިންމީމައި ފައިސާ ވެސް ގިނަ ފަހަރަކަށް ނުދެއެވެ. ނަމަވެސް، މިއަދު އެމްޑީޕީން އެކަން އަޅުވަނީ މިސަރުކާރުގެ ބޮލުގައެވެ. އެކަން ފާހަގަކޮށް މަޖިލިސް ފުލޯގައި މެމްބަރު އަސަދު ވިދާޅުވީ "ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަޖައްސާލީ ކުރީގެ ސަރުކާރުން، އެމްޑީޕީގެ ސަރުކާރުން ކުދި ވިޔަފާރިތަކަށް އޮޅުވާލައިގެން. ބަޖެޓުގައި ނެތް ފައިސާ ޖަހައިގެން ކުންފުނިތަކަށް އޮޅުވާލައިގެން"
އެމްޑީޕީން ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށް ދައުލަތުގެ ޚަޒާނާ ހުސްކޮށްލުމުގެ ސަބަބުން އެއާޕޯޓް ތަރައްޤީ ކުރުމަށް ގިނަ ދުވަސްތަކެއް ފާއިތުވެ ގޮސްފައިވާއިރު އަސަދު ވިދާޅުވީ މިބިލު މަޖިލީހުން ފާސްވެގެން ޢާންމު ރައްޔިތުންނަށް، ޢާންމު ދިވެހި ރައްޔިތުންނަށް އެއްވެސް ތަކުލީފެއް، އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެ ކަމަށާއި ޤައުމުގެ އިޤްތިޞާދު މިހާރު މިއޮތް ޙާލަތުން އަރައިގަނެ ކުރިޔަށްދާނެ މުހިންމު ބިލެއް ކަމުގައި މިބިލު ވެގެންދާނެ ކަމަށެވެ.






