ބޭރުގެ އެހީއާއެކު ކުރިޔަށް ގެންދިޔަ ޕްރޮގްރާމްތައް ކާމިޔާބު ކަމަށާއި ކުރިޔަށް އޮތްތަނުގައި މުހިންމު އިތުރު މަޝްރޫޢުތައް ފެނިގެންދާނެ ކަމަަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ބުނެފިއެވެ.
ސަރުކާރަށް 52 ހަފްތާ ފުރުމުގެ ގޮތުން އެ މިނިސްޓްރީން ބޭއްވި ހަފްތާ 52 ގެ އިވެންޓުގައި ވަނީ އެ މިނިސްޓްރީގެ ކާމިޔާބީތައް ހިމެނޭ ފޮތެއް ވެސް ނެރެފައެވެ. ބޭރުގެ އެހީތެރިކަމާއެކު ކުރިޔަށް ގެންދިޔަ މުހިންމު ޕްރޮގްރާމްތަކުގެ މަޢުލޫމާތު އެފޮތުގައި ލިޔެފައި ހުއްޓެވެ. އޭގެތެރޭގައި މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)، މޯލްޑިވްސް ގުޑް އެގްރިކަލްޗަރ ޕްރެކްޓިސް (އެމް-ގެޕް) ސްކީމް، އަދި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށްގެންދާ އެޑަޕްޓިވް ރިސާރޗް މަޝްރޫޢު ފާހަގަކޮށްފައި ވެއެވެ
މިނިސްޓްރީން ބުނީ މެޕްގެ ދަށުން، "ދަނޑުވެރި މަންފާ" ގެ ފޭސް 1 ގެ ތެރެއިން ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހާއްސަކޮށްގެން 10 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ޕްރޮގްރާމެއް މިއަހަރު ފަށާފައިވާކަމަށެވެ. މީގެ އިތުރުން، 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެ ގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށާއި އަދި އިތުރު 5 ރަށެއްގައި ގްރީންހައުސް އެޅުމަށް އެގްރިމަންޓް ކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ އެމް-ގެޕް ސްކީމްގެ ދަށުން، 2024 ވަނަ އަހަރު ށ. ގޮއިދޫ އަދި ހދ. ވައިކަރަދޫ، މިއިން ކޮންމެ ރަށަކުން 20 ދަނޑުވެރިން ހިމެނޭ ގްރޫޕަކަށް ސެޓްފިކޭޝަން ޕްރޮސެސްއަށް ދަނޑުތައް ތައްޔާރުކޮށް، ދަނޑުވެރިން މިކަމަށް އަހުލުވެރިކުރުވާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ ދަނޑުވެރިކަމުގެ ރަނގަޅު އާދަތައް ބޭނުންކޮށްގެން، އަދި ކެމިކަލް ބޭނުންކުރުން މަދުކުރެވޭނެ ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމްކުރުން ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
މީގެ އިތުރުން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އެޑަޕްޓިވް ރިސާރޗްގެ މަސައްކަތުގެ ތެރެއިން މިރުހުގެ އައު ވެރައިޓީއެއްގެ ރިސާރޗް 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަށައި، މިހާރު ކުރިއަށް ގެންދާކަމަށް ވެސް މިނިސްޓްރީން ފާހަގަ ކުރެއެވެ.



