މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މިއަދު ހެނދުނު ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަށް ޚާއްޞަކޮށްގެން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަން ބޭއްވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙުމޫދު ޝަޢުޤީކަމަށް މިނިސްޓްރީން ބުންޏެވެ. މި ޕެނަލް ޑިސްކަޝަންގައި އަލިއަޅުވާލާފައިވަނީ "ފައިދާހުރި ކާނާ"، "ކާނާގެ ޔަޤީންކަން"، "ކާނާގެ ރައްކާތެރިކަން"، "ހަލާކުވެގެން އުކާލެވޭ ކާބޯތަކެތި މަދުކުރުން"، "މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް" އަދި "ދެމެހެއްޓެނިވި ދަނޑުވެރިކަން" ފަދަ މައުޟޫޢު ތަކަށް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.
މިނިސްޓްރީން ބުނީ، މި ޕެނަލް ޑިސްކަޝަންގައި މަޢުލޫމާތު ދެއްވުމަށް އެކި ދާއިރާތަކުން 5 ޕެނަލިސްޓުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޑރ. އާމިނަތު ޝާފިއާ އާއި، އަލްފާޟިލް އާދަމް މަނިކުއާއި އަލްފާޟިލާ ފާޠިމަތު ޠާހިރާގެ އިތުރުން އަލްފާޟިލް އިބްރާހިމް ފިރުޝާން އަދި އަލްފާޟިލް ޢަބްދުﷲ ރަމްޒީއެވެ.
މި ޕެނަލް ޑިސްކަޝަނަކީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާގައި ހުރި މުހިންމު މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ހައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ފުރުޞަތެއް ކަމަށް މިނިސްޓްރީ ބުންޏެވެ. އަދި މި ޕެނަލް ޑިސްކަޝަންގައި ފާހަގަކުރެވުނު މުހިންމު ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާގައި ގެންނަންޖެހޭ އިޞްލާޙުތަކާއި ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.



