މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާ އާއި މިނިސްޓްރީގެ އިސް ބޭފުޅުން، ހދ. ނޭކުރެންދޫ ކައުންސިލްގެ އިސްވެރިންނާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މަޤްޞަދަކީ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށް މިނިސްޓްރީން މަޢުލޫމާތު ދިނެވެ.
ބައްދަލުވުމުގައި ދަނޑުވެރިކަން ކުރިޔަށް ގެންދިޔުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުވުނެވެ. އަދި ހަމައެއާއެކު، ނޭކުރެންދޫގެ ދަނޑުވެރިކަމުގެ ޙާލަތާއި، އެ ރަށުގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މަޢުލޫމާތު ބަދަލުކުރެވުކަމަށް މިނިސްޓީން ބުންޏެވެ.

އެގްރިކަލްޗަރ މިނިސްޓްރީ އާއި ހދ. ނޭކުރެންދޫ ކައުންސިލް މަޝްވަރާ ބައްދަލުވުން ތެރެއިން/ ފޮޓޯ: އެގްރިކަލްޗަރ މިނިސްޓްރީ
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާ ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށާއި، މިކަމަށްޓަކައި ރަށު ކައުންސިލްތަކާއެކު ގާތުން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މި ބައްދަލުވުމަކީ ސަރުކާރުން ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މިފަދަ ބައްދަލުވުންތަކުން ރަށްރަށުގެ ދަނޑުވެރިކަމުގެ ޙާލަތު ދެނެގަނެ، އެ ރަށްރަށުގެ ޚާއްޞަ ބޭނުންތަކަށް އަމާޒުކޮށްގެން ޕްރޮގްރާމްތައް ރޭވުމަށް މަގުފަހިވާނެ ކަމަށް ލަފާކުރެވެއެވެ.



