ސަރުކާރުގެ ވަޤްފް މަޝްރޫޢު- އަތޮޅުތެރޭ ފުރަތަމަ ޢިމާރާތް ނެއްލައިދޫގައި

އާނާ ފަހީމް | 379 ދުވަސް ކުރިން - 16 ނޮވެންބަރު 2024 23:15
ސަރުކާރުގެ ވަޤްފް މަޝްރޫޢުގައި ސޮއިކުރުމުގެ ރަސްމިއްޔާތު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސަރުކާރުގެ ވަޤްފް މަޝްރޫޢުގައި ސޮއިކުރުމުގެ ރަސްމިއްޔާތު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޚުލާސާ

ސަރުކާރުގެ ވަޤުފު މަޝްރޫޢުގެ ދަށުން އަތޮޅުތެރޭގައި ޤާއިމުކުރެވޭ ފުރަތަމަ ވަޤުފު ޢިމާރާތް ހދ. ނެއްލައިދޫގައި ތަރައްޤީކުރުމަށް ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި. މި މަޝްރޫޢުގެ ދަށުން މަސްވެރިކަމާއި ގުޅޭ މަސައްކަތްތަކަށް 10 އައުޓްލެޓް ޢިމާރާތްކުރެވޭނެ.

ސަރުކާރުގެ ވަޤުފު މަޝްރޫޢުގެ ދަށުން އަތޮޅުތެރޭގައި ޤާއިމުކުރެވޭ ފުރަތަމަ ވަޤުފު ޢިމާރާތް ހދ. ނެއްލައިދޫގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ވަނީ ސޮއި ކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް ކުއްޔަށް ދޫކުރެވޭނެ 10 އައުޓްލެޓް ޢިމާރާތްކުރުމަށްވަނީ ހަމަޖެހިފައެވެ. މި އައުޓްލެޓްތަކުން ލިބޭ ނަފާ ބޭނުންކުރެވޭނީ ރަށުގެ މިސްކިތްތައް މަރާމާތުކުރުމަށާއި، ދީނީ އަދި އިޖުތިމާޢީ މަސައްކަތްތަކަށެވެ.

އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް މުޙައްމަދު އަލީފެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ވަޤުފުގެ މަޝްރޫޢުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭގޮތަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއްކަމަށެވެ. އަދި ރަށްރަށުގައި ވަޤުފު އިމާރާތްތައް އިތުރުކުރުމަކީ ވުޒާރާގެ އަމާޒެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޤުފު މަޝްރޫޢުތައް ތަރައްޤީކުރުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލާއި، 10 އަތޮޅު އަދި ސިޓީ ކައުންސިލުން ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. މި ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު، އެންމެ ރަނގަޅު އެއް ޕްރޮޕޯސަލަކަށްވާތީ ނެއްލައިދޫގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމެވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%