ރޭ ކުޅުނު ނޭޝަންސް ލީގު އޭގެ ގްރޫޕް 1ގައި ޕޮލެންޑު ކޮޅަށް 5 ލަނޑު ޖަހައި ޕޯޗުގަލުން ބޮޑު ލީޑެއް ހޯދައިފިއެވެ. މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހައިފައެވެ. އޭގެ ތެރޭގައި އޯވަރހެޑް ކިކަކުން ޖެހި ގޯލެއް ހިމެނެއެވެ.
މި މެޗުގައި ހުރިހާ ގޯލުތަކެއް ވެސް ޖެހުނީ ދެވަނަ ހާފުގައެވެ. ރޮނާލްޑޯގެ އިތުރުން ރަފާއެލް ލެއާއޯ، ބްރޫނޯ ފަނާންޑޭސް އަދި ޗެލްސީ ވިންގާ ޕެޑްރޯ ނެޓޯ ވެސް ވަނީ ގޯލު ޖަހައިފައެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެހީ ލެއާއޯއެވެ. އޭގެ ފަހުން ރޮނާލްޑޯ ޕެނަލްޓީއަކުން ގޯލު ޖެހިއެވެ. ފަނާންޑޭސް އަދި ނެޓޯ ވެސް ގޯލު ޖެހުމަށްފަހު ރޮނާލްޑޯ ވަނީ އޯވަރހެޑް ކިކަކުން ފަސްވަނަ ގޯލު ޖަހައިފައެވެ.
ކުޅުނު 5 މެޗުން 13 ޕޮއިންޓާއެކު ޕޯޗުގަލް ވަނީ ނޭޝަންސް ލީގުގެ ގްރޫޕް އޭ1 ގެ އެއްވަނަ ހޯދައި، މާރޗް މަހު ބޭއްވޭ ކުއާޓަރ ފައިނަލަށް ދަތުރު ކަށަވަރުކޮށްފައެވެ. ދެވަނައިގައި އޮތް ކްރޮއޭޝިއާ ރޭ ސްކޮޓްލެންޑު އަތުން 0-1 ލަނޑުން ބަލިވުމުން އެޓީމު އޮތީ އަދިވެސް 7 ޕޮއިންޓުގައެވެ. ޕޮލެންޑާއި ސްކޮޓްލެންޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.