ކެފޭ ޑި މާލެއަށް ގެއްލުން ދިން މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ހަވީރު 5:53 ގައި ކަމަށެވެ. މޫނު ނިވާކުރުމުގެ ނިޔަތުގައި ހެލްމެޓު އަޅައިގެން ތިބި ދެ މީހަކު ކެފޭއަށް ވަދެ ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށާއި މި ދެ މީހުން ހަމަލާ ދިނުމަށް ވަނުމުގެ 10 ވަރަކަށް މިނެޓު ކުރިން، އިތުރު މީހަކު ގޮސް އެ ކެފޭ ވީޑިއޯކޮށްފައިވާކަމަަށް ވެސް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި، 18 އަހަރުގެ މީހަކު، އަދި ވީޑިއޯ ކުރުމުގައި އެހީތެރިވި 21 އަހަރުގެ މީހަކު ހިމެނެއެވެ. ހައްޔަރުކުރި އިރު، އެ މީހުން ތިބީ މަތިމަތިން އަންނައުނު ލައި، ސާޖިކަލް މާސްކު އަޅައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، ހަމަލާ ދިނުމަށްފަހު ޝައްކުކުރެވޭ ފަރާތްތަކުން އެ މީހުންގެ އަންނައުނު މާލޭގައި އިމާރާތްކުރަމުންދިޔަ ގެއެއްގެ ތެރެއަށް އުކާލާފައި ހުއްޓާ ވަނީ ހޯދާފައެވެ.
މި ހާދިސާއަކީ މާލޭގައި މިހާރު ހިނގަމުންދާ ސިލްސިލާ ގޭންގު މާރާމާރީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ކަމަށް ފުލުހުން ފާހަގަކުރިއެވެ. މި މައްސަލައާ ގުޅިގެން ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.









