ކުއްލި ޙާލަތުގައި ގުޅުމަށް ޚާއްޞަކޮށްފައިވާ އިމަޖެންސީ ކޯލް ސެންޓަރު 911 ގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު އަޙްމަދު އަލީ ވިދާޅުވީ، މީގެ ކުރިން ކުއްލި ހާލަތްތަކުގައި އެކި ކަންކަމަށް ގުޅަން ޖެހެނީ ތަފާތު ނަންބަރުތަކަށް ކަމަށާއި، މިކަމުގެ ސަބަބުން ޚިދުމަތް ދިނުމާއި ލިބިގަތުމުގައި ދަތިތަކެއް ކުރިމަތިވަމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ ދަތިތައް ޙައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއަދުން ފެށިގެން ހުރިހާ ކުއްލި ހާލަތްތަކަށް ގުޅޭނީ 911 އަށް. މިއީ ވަރަށް ބޮޑު ފަސޭހައެއް." މުޙައްމަދު އަޙްމަދު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވީ މި އައު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރައްވާނެ ކަމަށާއި، ކޯލް ސެންޓަރުގެ މުވައްޒަފުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނު ދެއްވާނެ ކަމަށެވެ.
911 އަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް ކުއްލި ޙާލަތުގައި ގުޅުމަށް ބޭނުންކުރާ ނަންބަރެކެވެ.









