މަސްތުވާތަކެއްޗާ ގުޅިގެން ތ. ހިރިލަންދޫއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހިރިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ތ. ހިރިލަންދޫ / ޗަމަން، އަޙްމަދު ސިނާނު (37އ) އާއި މާލެ، މއ. ސީނަރީވިޔު، އަޙްމަދު މަދީޙް (34އ) ކަމަށެވެ.
ނޮވެމްބަރު 11 ވަނަ ދުވަހު ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން، އެ ރަށު ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤުކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ.









