ރާއްޖެއަށް ކަނޑު މަގުން މުދާ އެތެރެ ކުރުމަށްފަހު ވައިގެ މަގުން ރީ އެކްސްޕޯޓުކުރާ ޚިދުމަތް ކަމަށްވާ ސީ-ޓު-އެއާ ކާގޯ ޚިދުމަތާ ގުޅުނު އެއާލައިންތަކުގެ ޢަދަދު 11 އަށް އަރައިފިއެވެ.
މި ޚިދުމަތް ފުރަތަމަ ފަށާފައިވަނީ މިދިޔަ މެއި މަހު ތުރުކީ އެއާލައިންސްއާއެކުގައެވެ.
ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެންނެވެ. އަދި މީގެއިތުރުން، ކަސްޓަމްސް އިން ވެސް މި ޚިދުމަތް ދިނުމުގައި ބައިވެރިވެއެވެ.
މި ޚިދުމަތަށް އޮތް ޑިމާންޑު އިތުރުވަމުންދާއިރު، އެންމެފަހުން މި ޚިދުމަތާ ގުޅިފައިވަނީ އިނގިރޭސިވިލާތުގެ ބްރިޓިޝް އެއާވޭސްއިންނެވެ. އެ އެއަރލައިނުން ވަނީ ރާއްޖެ މަގުން ކެނަޑާއަށް މުދާ އުފުލަން ފަށާފައެވެ. އެ އެއަލައިނުން އެންމެ ފުރަތަމަ މުދާ ޝިޕްމެންޓު ގެންދަން ހަމަޖެހިފައިވަނީ ރާއްޖެއިން ކެނަޑާއަށް ކަމަށާއި، މި ޝިޕްމެންޓުގައި 8.2 ޓަނުގެ މުދާ ގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ސީ-ޓު-އެއާ ކާގޯ ޚިދުމަތް މެދުވެރިކޮށް އާންމުކޮށް ރާއްޖޭން ބޭރުކުރަނީ، ބަންގްލަދޭޝްގައި އުފައްދާ އަންނައުނުގެ ބާވަތްތަކެވެ. އަދި މިފަހުން އިންޑިއާއިން ރާއްޖެއަށް ގެނައި މުދާތަކެއް ޖަރުމަންވިލާތަށް ވެސް ވަނީ ފޮނުވާފައެވެ.
ނިމިދިޔަ އޮކްޓޯބަރު މަހު އެކަނިވެސް ޖުމްލަ 418 ޓަނުގެ މުދާ ހިމެނޭ 96 ކޮންޓެއިނަރު ވައިގެ މަގުން ރާއްޖޭން ބޭރަށް ފޮނުވާފައިވާކަން ފާހަގަކުރެވެއެވެ.
އެމްއޭސީއެލް އިން ބުނީ މި ޚިދުމަތަށް އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، ދެކުނު އޭޝިއާއިން ދުނިޔޭގެ އެކި ހިސާބުތަކަށް މުދާ އުފުލުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ މަޤްބޫލް މަންޒިލަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.









