ސްޕެއިންގެ ލަލީގާގައި މިހާރު އެއްވަނައިގައި އޮތް ބާސެލޯނާ މޮޅުވަމުން އައި ރިކޯޑު ހައިރާންކުރަނިވި ގޮތަކަށް ނިމިއްޖެއެވެ.
މޮޅަށް ކުޅެ ގޯލާ އަމާޒަށް ޝޮޓެއް ނެހެދި ބާސާ ވަނީ ރިއަލް ސޮސިއެޑާޑް އަތުން 1-0 އިން ބަލިވެފައެވެ. މި މެޗުގައި ހަމައެކަނި ލަނޑު ޖެހީ ޝެރަލްޑޯ ބެކަރެވެ.
އަނޯއެޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޮވްސްކީ ޖެހި ލަނޑެއް ވީއޭއާރުން ބާތިލުކުރިއެވެ.
މި މެޗުގައި 11 ޝޮޓް ބާސެލޯނާ އިން ހެދިއިރު އެއްވެސް ޝޮޓެއް ސޮސިއެޑާޑްގެ ކީޕަރާއި ހަމަޔަށް ނުދިޔުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މި ބަލިވުމާއެކު ބާސެލޯނާގެ މޮޅުވަމުން އައި ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.
މި ނަތީޖާއާއެކުވެސް ބާސެލޯނާ ދަނީ ލަލީގާގެ އެއްވަނައިގައި ހިފަހައްޓާލަމުންނެވެ. އެހެންނަމަވެސް ދެވަނައިގައި އޮތް ރިއަލް މެޑްރިޑް އާ ދެމެދު މިހާރު އޮތީ ހަ ޕޮއިންޓުގެ ތަފާތެކެވެ. ރިއަލް ސޮސިއެޑާޑް މިހާރު ވަނީ އަށްވަނައަށް އަރާފައެވެ.









