ސަރުކާރުން އަންނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓުގައި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތަކުން 4.9 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިޔަން ރުފިޔާއެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 39.8 ބިލިޔަން ރުފިޔާއެވެ. މިއީ މިއަހަރުގެ އާމްދަނީގެ އަދަދާ އަޅާބަލާއިރު 16.1 އިންސައްތަ އިތުރު އަދަދެކެވެ.
Advertisement

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތަކުގެ ތެރޭގައި އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް ބަދަލުކުރުމާއި، ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ރޭޓުތައް ބަދަލުކުރުމާއި، ގްރީން ޓެކުހުގެ ރޭޓުތައް މަތިކުރުން ހިމެނެއެވެ. މި ސިޔާސަތުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވަނީ އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތަކަށް ގެންނަ ބަދަލުތަކުން ކަމަށްވާއިރު، އެއިން 1.6 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރިފޯމުތައް ތަންފީޒުކުރަން ހިމަނާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.







