ހުޅުމާލޭ ހިޔާ ފްލެޓްގެ ނުވަވަނަ ޓަވަރުގެ 20 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ދިވެހި ޒުވާނެއް ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި 12 މީހުން ހައްޔަރުކޮށް، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ރޭ 19:40 ހާއިރު ފުލުހުންނަށް މަޢުލޫމާތު ލިބުނު މި ހާދިސާގައި، ރަހީނުކުރެވުނު މީހާ ސަލާމަތްކުރުމަށް ފުލުހުން ވަނީ އެޕާޓްމަންޓްގެ ދޮރު ވައްޓާލައި އެތަނަށް ވަދެފައެވެ. ފުލުހުން އެތަނަށް ވަން އިރު، ރަހީނުކުރެވުނު މީހާގެ ބޯ ބާލައި، އިނގިލި ބުރިކޮށްލަން ތައްޔާރުވަމުންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވި ގޮތުގައި، މި މައްސަލައިގެ މަޢުލޫމާތު ލިބުނީ ޢާންމު ފަރާތަކުން ގުޅައި އިންޓެލިޖެންސްއާ ޙިއްސާކުރުމުންނެވެ. ފުލުހުން އެ އެޕާޓްމަންޓަށް ވަދެ ކުރި މަސައްކަތުން، ރަހީނުކުރެވުނު މީހާއަށް މާބޮޑު ގެއްލުމެއް ނުދެނީސް އޭނާ ފުލުހުންގެ ޙިމާޔަތަށް ގެނެވުނު ކަމަށް ދާއޫދު ވިދާޅުވިއެވެ.
މި ހާދިސާ ހިނގި ތަނުން ދަގަނޑާއި ހަނޑަހަ ފަދަ ތަކެއްޗާއި، ގެއްލުންދިނުމަށް ބޭނުންކުރާ އެކި ބާވަތުގެ ތަކެތި އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ދަނީ ފުޅާ ދާއިރާއެއްގައި ތަޙުޤީޤެއް ކުރިއަށް ގެންދަމުންނެވެ.
މި ހާދިސާގައި ރަހީނުކުރެވުނު މީހާ ސަލާމަތްކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދިޔައިރު، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެތަނަށް ވަޑައިގެން ފުލުހުންނަށް ވަނީ ހިތްވަރުދެއްވާފައެވެ.









