ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން ކުޑަކުއްޖަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ ސިންގަޕޫރަށް ނިސްބަތްވާ އުމުރުން 15 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.
އެ ކުއްޖާ މަރުވެފައިވަނީ އދ. ދިގުރަށުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، ސްނޯކްލިންގ އަށް ދިޔުމަށް މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހިގެން ޒަޚަމްވެގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާ ޒަޚަމްވެގެން ދިގުރަށުގެ ހެލްތު ސެންޓަރަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ކަމަށެވެ. އެ ކުއްޖާ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ދިގުރަށު ހެލްތު ސެންޓަރާ ޙަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









