މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހުޅުމާލެއިން ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ތިން ބިދޭސީން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނޮވެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބިކާރާ ކުމާރު، އިންޑިއާ (24އ)، އަކިލޭޝް ކުމާރު، އިންޑިއާ (27އ) އަދި އުމާކަންތު ޗޯދަރީ، ނޭޕާލް (35އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 މަގުމަތިން ޕިކަޕެއް ހުއްޓުވައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.









