ސްކޫލް ކުއްޖެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލް ކުއްޖެއްގެ ދަބަސް ވަގަށް ނެގި މައްސަލައިގައި ނ. ވެލިދޫ / ހިފާޒް، އަހުމަދު މާޖިދު (33އ) ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވީ އެ މީހާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް، އޭގެ އެތެރޭގައި ހުރި ތަކެއްޗާއެކު ހޯދައި، ވެރިފަރާތާއި ޙަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ގްރޭޑް 9 ގައި ކިޔަވަމުންދާ ކުއްޖެއްގެ ދަބަސް ވަގަށް ނަގައިގެން އެ ކުއްޖާގެ ބައްޕަ، އަބްދުލް ހަމީދު ސޯޝަލް މީޑިއާގައި އާންމުންގެ އެހީއަށް އެދުމާ ގުޅިގެންނެވެ. ހަމީދު ބުނީ ކުއްޖާގެ ދަބަސް ވަގަށް ނަގާފައިވަނީ ދަރިފުޅުގެ ޓެސްޓް ޕޭޕަރާއި ހުރިހާ ފޮތްތަކަކާ އެކު ކަމަށެވެ.
ހަމީދު ވަނީ ސީސީޓީވީ ބަލައިގެން ދަބަސް ވަގަށް ނެގި މީހާގެ ފޮޓޯއާއި ވަނަވަރު ވެސް ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހަކީ ފޭރުމާއި ރަހީނުކުރުމުގެ ވެސް ރެކޯޑު އޮންނަ މީހެކެވެ.









