ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ "ހިޔާވެހި ފައިނޭންސިން" ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ސްކީމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވީ މިދިޔަ އަންގާރަ ދުވަހު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ މި ސްކީމަކީ އިސްލާމީ ޝަރީޢާގެ އުޞޫލުތަކާ އެއްގޮތަށް ދޫކުރާ ލޯނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރާއްޖޭގެ ތިން ބޭންކަކާއި ގުޅިގެން 5% އިންޓްރެސްޓް ރޭޓުގައެވެ.
މި ސްކީމްގެ ދަށުން ރާއްޖޭގެ އަތޮޅުތަކަށް "ރަށްވެހި ފައިނޭންސިންގ ސްކީމް" އިން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރުތަކަށް "ސަހަރު ފައިނޭންސިންގ ސްކީމް" އިން 3 މިލިއަން ރުފިޔާ، އަދި މާލެ ސަރަޙައްދަށް "ފަހިމާލެ ފައިނޭންސިން ސްކީމް" އިން 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބޭނެއެވެ. މީގެ އިތުރުން، މާލެ ސަރަޙައްދުގައި ގޭގެ ބެހެނިވެރިންނާއެކު 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދެވޭނެއެވެ.
ސަރުކާރުން ވަނީ 26 ރަށެއް އަރބަން ސެންޓަރު ނުވަތަ ސަހަރުގެ ގޮތުގައި ކަނޑައަޅާފައެވެ. މި ލޯނު ސްކީމަށް އެދި ހުށަހެޅުމަށް ހިޔާވެހި ޕޯޓަލް (www.hiyaavehi.housing.gov.mv) މެދުވެރިކޮށް 2025 އޭޕްރީލް 8 ވާ އަންގާރަ ދުވަހުގެ ރޭ 23:59 އާ ހަމައަށް ފުރުޞަތު ދެވިފައިވެއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މި ސްކީމަށް 1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ބޭންކުތަކުން ޖުމްލަ 2 ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ހުރިހާ ލޯނެއްވެސް ދޫކުރެވޭނީ 5% އިންޓްރެސްޓް ރޭޓުގައި 25 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2028 ވަނަ އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކުން ފުރުޞަތު ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ސްކީމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ލޯނު ސްކީމް ކަމުގައި ފާހަގަކުރެވެއެވެ.



