ހެންވޭރު ގެއެއްގައި ހިންގާ ސަރާ ސެލޫން އެންޑް ސްޕާ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު ޢިމްރާން (42އ)، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.