ސްޕެއިނުގެ ބާސެލޯނާ އިން ރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން 5-2 އިން މޮޅުވެ، އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ. މި މޮޅާ އެކު ބާސެލޯނާ ވަނީ ވިދިވިދިގެން ހަތް މެޗުން މޮޅުވެ، ކޮންމެ މެޗެއްގައި މަދުވެގެން ތިން ގޯލު ޖަހައިފަ އެވެ.
ބާސެލޯނާގެ މި ކާމިޔާބު ސިލްސިލާގައި ޗެމްޕިއަންސް ލީގުގައި ބަޔަން މިއުނިކް އަތުން 4-1 އިން ހޯދި މޮޅާއި، ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން 4-0 އިން ހޯދި މޮޅު ހިމެނެ އެވެ. މިއީ ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގައި ވިދިވިދިގެން ހޯދި ތިން ވަނަ މޮޅެވެ. އަދި ލަ ލީގާގައި ވެސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ބާސެލޯނާ ވަނީ މޮޅުވެފަ އެވެ.
ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ފަރާތުން ރޮބަޓް ލެވަންޑޮސްކީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން އިނިގޯ މާޓިނޭޒް، ރަފީނިއާ އަދި ފާމިން ލޯޕޭޒް ވެސް ވަނީ އެއް ގޯލު ޖަހައިފަ އެވެ. ލެވަންޑޮސްކީގެ މި ދެ ގޯލާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޖަހާފައިވާ ގޯލުގެ އަދަދު 99 އަށް އަރުވައިފަ އެވެ.
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ އަދިވެސް ރަނގަޅު ކުރެވޭނެ ކަންކަން ހުރި ނަމަވެސް، މިވަގުތު އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. މި މޮޅާ އެކު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އޮތީ ނުވަ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އަދި ބާކީ އޮތް ހަތަރު މެޗުން މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް ކޮލިފައިވާނެ ކަމަށް ބެލެވެ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި 36 ޓީމު ވާދަކުރާއިރު، ކޮންމެ ޓީމަކުން އަށް މެޗު ކުޅޭނެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމަށް ގަދަ 16 ބުރުން ސީދާ ޖާގައެއް ލިބޭނެއެވެ.









