ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލް އާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. ލިލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ލިލް އިންނެވެ. މެޗުގެ 27 ވަނަ މިނިޓުގައި ލިލްގެ ޑޭވިޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރިއެރުން ހޯދައިދީފައެވެ. އެހެންނަމަވެސް، މި ލަނޑަށް ފަހުވެސް ލިލްއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި، އެ ފުރުސަތުތައް ބޭކާރުވެފައެވެ.

ޔުވެންޓަސްގެ ފަރާތުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓުގައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދިނީ ވްލަހޮވިޗްއެވެ. މި މެޗުގައި ޔުވެންޓަސްއިން ރަނގަޅު ކުޅުމެއް ދައްކައި، އިދިކޮޅު ޓީމަށް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި އިތުރު ދެ ލަނޑު ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ އެ ދެ ލަނޑުވެސް އޮފްސައިޑް ކަމަށް ނިންމާފައެވެ.

މި ނަތީޖާއާއެކު ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު އޮތީ ތާވަލުގެ ދިހަވަނައިގައެވެ. އަދި ލިލްއަށް ލިބިފައިވަނީ 12 ވަނައެވެ. މި ނަތީޖާއަކީ ދެ ޓީމަށްވެސް މުހިންމު ނަތީޖާއެކެވެ. ޚާއްޞަކޮށް ޔުވެންޓަސްއަށް މި ނަތީޖާއަކީ ވަރަށް މުހިންމު ނަތީޖާއެކެވެ. ސަބަބަކީ އެ ޓީމަށް މިހާރު ލިބިފައިވާ ޕޮއިންޓްތަކާއެކު ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ނަތީޖާ ހޯދައިފިނަމަ، ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު އޮތުމެވެ. ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ދެން އޮތީ މިމަހުގެ 27 ވަނަ ދުވަހު އެސްޓަންވިލާއާއި ދެކޮޅަށް ކުޅޭ މެޗެވެ. އެއަަށްފަހު މި ލީގުގައި އެޓީމު ދެން ނުކުންނާނީ ޑިސެމްބަރު 11 ވަނަ ދުވަހު މެންޗެސްޓަރ ސިޓީއާއި ދެކޮޅަށެވެ. މީގެތެރެއިން އެސްޓަންވިލާ އޮތީ އެއްމެޗު މަދުން ކުޅެ 9 ޕޮއިންޓާއެކު ފަސްވަނައިގައެވެ.