ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި މައްސަލައެއްގައި ގއ. ވިލިނގިލި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގއ. ވިލިނގިލީގެ 28 އަހަރުގެ މީހެއް ކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ހާދިސާ ރިޕޯޓަށް ބަލާއިރު އޭނާގެ ކުރީގެ ލޯބިވެރިޔާއާމެދު މާރާމާރީ ހިންގާފައިވާ ކަމަށް ބެލޭވޭ ކަމަށެވެ. އެގޮތުން ކޯޓު އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު ފަރާތުގެ ތުންފަތް ފަޅައިގެން ގޮސް، އިނގިލިތައް ރަތްވެ، ފައިގެ ފަލަމަސްގަނޑުން އެކި ތަންކޮޅު ނޫފައިގަނެ، ބުރަކަށި ރަތްވެފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މި އަނިޔާތަކާއި ގުޅިގެން އަނިޔާ ލިބުނު ފަރާތުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި ޙާދިސާ ހިނގި ތަނުގައި ލޭ ހުރިކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އަނިޔާ ކުރި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ފުލުހުންގެ ޙާދިސާ ރިޕޯޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ކޯޓު އަމުރުގައި ފާހަގަކޮށް ބުނެފައިވަނީ އޭނާގެ މައްޗަށް އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ގޮތުގައި ފާހަގަކޮށްފައިވަނީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.









