ޤައުމީ ފެންވަރުގައި ކަންބޮޑުވާ ވަރުގެ ބޮޑެތި ޙާދިސާތަކުގެ ވަގުތުގައި ސަރުކާރުގެ ކަމާއި ގުޅޭ މުއައްސަސާތަކުން ތައްޔާރީ ޙާލަތުގައި ތިބުމަށްޓަކައި ޤާއިމުކުރަންޖެހޭ އިންތިޒާމުތައް ފުޅާކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވަނީ މި މަހުގެ 4 އިން 5 އަށް މާލޭގައެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދިންގޮތުގައި، މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ބޮޑެތި ކާރިސާތަކާއި ޓެރަރިޒަމްގެ ޙާދިސާތައް ފަދަ ޤައުމީ ފެންވަރުގެ ބޮޑެތި ޙާދިސާތަކުގައި ސަރުކާރުގެ އެކިއެކި ފަންތިތަކުގެ މެދުގައި އޮންނަ ގުޅުމާއި މުވާޞަލާތީ ނިޒާމުތައް ހަރުދަނާކުރުމެވެ. މީގެ އިތުރުން، އެކިއެކި އިދާރާތަކުގެ މެދުގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްވެސް މި ބައްދަލުވުމުގައި އަމާޒު ހިފާފައިވެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ 13 މިނިސްޓްރީއަކާއި އެޖެންސީއަކުން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އިނގިރޭސިވިލާތުގެ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.









