މާލޭ މަޖީދީމަގުގައި ހުންނަ "ޒިއޯންމޯބައިލްސް 4" ފިހާރަ ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާ އަތުން ވަގަށް ނެގި ކަމަށް ބެލެވޭ 9 ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި 47 އަހަރުގެ މީހާއަކީ ހއ. މާރަންދޫ، ފިނިރޯޅި، އަޙްމަދު ނިޔާޒު ކަމަށެވެ. އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ދަބަސް ބަލައި ފާސްކުރިއިރު ޒިއޯންމޯބައިލްސް ފިހާރައިން ވަގަށް ނެގި ކަމަށް ބެލެވޭ 9 ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ފަތިހު 5:35 ހާއިރުއެވެ.
މި ހާދިސާގެ ސީސީޓީވީ ފޫޓޭޖް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، ފިހާރަ ތެރެއިން މީހަކު ކޮތަޅުތަކެއް ހިފައިގެން ދާ މަންޒަރެވެ. އަދި އޭގެ ފަހުން އަނެއްކާވެސް ފިހާރައަށް ވަދެ، ފިހާރައިގެ ކައުންޓަރު ވަތްގަނޑު ފަޅާލައި، ފޯނުތަކެއް ކޮތަޅަކަށް އަޅައިގެންދާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި އަޙްމަދު ނިޔާޒް، 24 ގަޑިއިރުގެ ތެރޭގައި ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދާނެ ކަމަށެވެ. އަދި މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.









