މަޖީދީ މަގުގައި ހުންނަ 'ޒިއޯންމޯބައިލްސް 4' ފިހާރައިން ވައްކަންކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ފިހާރައިން ވައްކަންކޮށްފައިވަނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށާއި، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 5:35 ހާއިރު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެކަކު ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި ދިޔުމުން އެހެން މީހަކު އެތަނަށް ވަދެ ވަނީ ވައްކަން ކޮށްފައެވެ. އެގޮތުން ކައުންޓަރުގެ ވަތްގަނޑު ހާވައި ހަރުން ފޯނާއި އެހެނިހެން ތަކެތި ވަގަށް ނަގާ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









