ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިންމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅގެން ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ / ފާގަތިގެ، އަޙްމަދު ނަޞީރު (45އ)، ގއ. ކަނޑުހުޅުދޫ / ނެސްޓް، ޢަލީ އައިހަމް (18އ) އަދި ރޮހަމާން، ބަނގްލަދޭޝް (29އ) ކަމަށެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން، އަޙްމަދު ނަޞީރު ހައްޔަރުކޮށްފައިވަނީ ކަސްޓްމަސް އިން ފުލުހުންނާ ޙިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އޭނާ ހައްޔަރުކޮށް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދިގަ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށް ފުލުހުން ބުންޏެވެ.
ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 5 ކިލޯ 936 ގްރާމް ހުރިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ނަޞީރު (45އ) ފަސް ދުވަހަށް، ޢަލީ އައިހަމް (18އ) 10 ދުވަހަށް އަދި ރޮހަމާން (29އ) ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.









