މާލޭގައި 67 ސިނގެރޭޓް ކާޓޫނު ވަގަށް ނެގި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ހިރުދުމާގެ، އަޙްމަދު ލުޖައިން (24އ) އެވެ.
ފުލުހުން ބުނީ، އިއްޔެ ހަވީރު 5:40 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް، އޮލިމްޕަސް ސަރަޙައްދުން ދިޔަ މީހަކާމެދު ތުހުމަތު ކުރެވިގެން، އޭނާ ގެންގުޅުނު ދަބަހާއި ކޮތަޅުތަކެއް ބަލައި ފާސްކުރިކަމަށެވެ. މި ބަލައި ފާސްކުރުމުގައި 67 ކާޓޫން ސިނގެރޭޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ސިނގެރޭޓް ކާޓޫންތަކަކީ އޯޝަން ނޮޓިކަލް ޕްރައިވެޓް ލިމިޓެޑްއިން އޭނާ ވަގަށް ނަގާފައިވާ ތަކެތި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މިހާރު މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާކަމަށް ފުލުހުން ބުންޏެވެ.









