އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނަ ލިވަޕޫލުން އަނެއްކާވެސް ހޯދައިފިއެވެ. ލިވަޕޫލު އެއްވަނައަށް އަރާފައިވަނީ މިރޭ އެ ޓީމުގެ ދަނޑު އެންފީލްޑުގައި ފަހަތުން އަރައި ބްރައިޓަން އެންޑް ހޯވް އަލްބިއަން 2-1 އިން ބަލިކޮށްގެންނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ފާޑީ ކަޑިއޮޣްލޫ ޖެހި ލަނޑާއެކު ބްރައިޓަން ކުރި ހޯދި ނަމަވެސް، ދެވަނަ ހާފު ފަށައިގެން 25 މިނެޓް ނުވަނީސް ލިވަޕޫލުން އެއްވަރު ކުރިއެވެ. 69 ވަނަ މިނެޓުގައި ކޯޑީ ގެކްޕޯ ޖެހި ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު އޭގެ ތިން މިނެޓު ފަހުން މުޙައްމަދު ޞަލާހު ޖެހި ލަނޑާއެކު ލިވަޕޫލުން މެޗު ކާމިޔާބުކުރިއެވެ.
މި ކާމިޔާބީއާއެކު ލިވަޕޫލަށް ތާވަލުގެ އެއްވަނަ ލިބިގެން ދިޔައީ 10 މެޗުން ލިބިފައިވާ 25 ޕޮއިންޓާ އެކުގައެވެ. ލިވަޕޫލަށް އެއްވަނަ ލިބުނު އެއް ސަބަބަކީ ކުރިން ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިރޭ ބޯންމަތާ ކުޅުނު މެޗުން ބަލިވުމެވެ.
ބޯންމަތުން މެންޗެސްޓަރ ސިޓީ ބަލިކުރީ 2-1 އިންނެވެ. މިއީ ބޯންމަތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މެންޗެސްޓަރ ސިޓީ ބަލިކުރި މެޗެވެ. މި މެޗުގައި ބޯންމަތަށް ލަނޑު ޖަހައިދިނީ ސަމީނިއޯ އާއި އެވަނީލްސަންއެވެ. މެންޗެސްޓަރ ސިޓީގެ ހަމައެކަނި ލަނޑު ޖެހީ ރުބެން ޑިއާޒެވެ.
މި ނަތީޖާތަކާއެކު މިހާރު ލިވަޕޫލް ވަނީ 25 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މެންޗެސްޓަރ ސިޓީ އޮތީ 23 ޕޮއިންޓާއެކު ދެވަނައިގައެވެ. އަދި ނޮޓިންހަމް ފޮރެސްޓް ވަނީ އާސެނަލް ފަހަތަށް ޖައްސާލައި 13 ޕޮއިންޓާއެކު ތިންވަނައަށް އަރާފައެވެ.









