އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އައިވީއެފްގެ ޚިދުމަތް މިއަހަރު ތެރޭ ފެށޭނެކަމަށް މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެ
ދައުލަތުގެ މީޑިއާގެ 'ރާއްޖޭ މިއަދު' ޕްރޮގްރާމުގައި ހަލީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އައިޖީއެމްއެޗްގައި ފާޓިލިޓީ ސެންޓަރު ތަރައްގީކޮށް ނިމި، މިއަހަރުތެރޭ އެތަނުން ޚިދުމަތް ދޭން ފެށޭނެ ކަމަށެވެ.
ހަލީމް ވިދާޅުވީ އެތަނުން އައިވީއެފްއާއި އައިޔޫއައި ހެދޭނެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށާއި މިހާރު ވެސް އެ ޚިދުމަތް ފެށުމަށް އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ތަމްރީނުކޮށްފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ފެށުމަށް ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެންސްޕާއިން ކުރިން ބުނެފައިވަނީ ދަރިމައިނުވާ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތަށް ދައުލަތުން މިއަހަރު 30 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިހާރު އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. ޓްރީޓޮޕުން މި ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެންނެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.









