އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މަޢުލޫމާތުދިނުމުގެ ހަރަކާތްތަކެއް ހދ. މަކުނުދުއާއި ނެއްލައިދޫގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ ތެރެއިން މަޢުލޫމާތުދީފައިވަނީ ނެއްލައިދުއާއި މަކުނުދޫގެ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، މަކުނުދޫ ސްކޫލުގެ ބެލެނިވެރިންގެ އިތުރުން އިސްރަށްވެހިންނަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިބަރ އެވެއާނެސް މަސް ފާހަގަކުރުމުގެ ގޮތުން މި މަހު 27 ވަނަ ދުވަހު މި ދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އިންޓަނެޓް ބޭނުންކުރާއިރު ވިސްނަންޖެހޭ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި، ސްކޭމްގެ މައްސަލަތަކާއި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކޮށްފައިވާ ކަމަށެވެ. އަދި ޕޭރަންޓަލް ކޮންޓްރޯލް އެޕްލިކޭޝަންތައް ބޭނުންކުރުމުގެ މުހިންމުކަމާއި އެޕްލިކޭޝަންތަކުގައި ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑު ބޭނުންކުރާނެގޮތާއި، ޓޫފެކްޓަރ އަދި މަލްޓި ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމާއި ސޮފްޓްވެއަރ އަޕްޑޭޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތުދީ، ގޮތް ނޭނގޭ ލިންކުތަކަނަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ބުންޏެވެ.

އިންޓަނެޓުން ހިންގާ ކުށްތަކުން ރައްކާތެރިވުމަށް މަޢުލޫމާތު ދިނުން. / ފޮޓޯ: ފުލުހުން
މީގެ އިތުރުން، އިންޓަނެޓް މެދުވެރިކޮށް ގޭމް ކުޅުމާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހަރަކާތްތެރިވާއިރު ދަރިންކުރާ ކަންކަން ގާތުން ބެލުމަށާއި އިންޓަނެޓް މެދުވެރިކޮށް ދަރިން ވާހަކަދައްކަނީ ކޮންބަޔަކާ ކަން ރަނގަޅަށް ބެލުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށާއި އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މަޢުލޫމާތު އެއްވެސް މީހަކާ ޙިއްސާނުކުރުމަށް މަޢުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އިސްރަށްވެހިންނާ ބައްދަލުކޮށް، ސްމާޓް ފޯނު ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މަޢުލޫމާތު ވެސް ޙިއްސާކޮށްފައިވާ ކަމަށެވެ. އަދި ޝަހުސު އޮޅުވާލައިގެން މަޢުލޫމާތު ހޯދަން މަސައްކަތްކުރާ މީހުންނާ މެދު ސަމާލުވުމަށާއި އެފަދަ ފޯނު ކޯލުތައް ދެނެގަންނާނެ ގޮތްތަކުގެ މަޢުލޫމާތުވެސް ޙިއްސާކޮށް، ފޯނުން ވީޑިއޯ ބަލާއިރު އަންނަ ތަފާތު އެޑްތަކަށް ނުފިއްތުމަށާއި ކުށްތަކުން ރައްކާތެރިވުމަށް ކުރާނެ ކަންކަމުގެ މަޢުލޫމާތު ވެސް ޙިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ބައެއް އިސްރަށްވެހިންގެ އެދުމުގެ މަތިން އެމީހުންގެ ފޯނުގެ ސެޓިންގ ވެސް ފުލުހުން ބަދަލުކޮށްދީފައިވާ ކަމަށެވެ.









