ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ސައިބަރ އެވެއާނަސް މަސް ކަމުގައިވާ އޮކްޓޯބަރު މަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އައްޑޫ ސިޓީ ބައެއް ސްކޫލުތަކުގެ ދަރިވަރުން ހޭލުންތެރިކުރުވުމަށް ފުލުހުން މަޢުލޫމާތުދީފިއެވެ.
އާދީއްދަ ދުވަހު ސްކޫލްތަކުގައި ބޭއްވި ޚާއްސަ އެސެމްބްލީގެ ތެރެއިން މަޢުލޫމާތުދީފައިވަނީ ފޭދޫ ސްކޫލު، މަރަދޫ ސްކޫލް އަދި އިރުޝާދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ތިން ސްކޫލުގައި ވެސް މައިގަނޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ، ސައިބަރ އެވެއާނަސް މަހަށް ޚާއްސަކޮށްގެން ހޭލުންތެރިކަން އިތުރުކުރެވޭ ދާއިރާތަކަށް ފޯކަސް ކޮށްގެން ކަމަށެވެ. އެގޮތުން ރައްކާތެރި ޕާސްޕޯޑް ބޭނުންކުރާނެގޮތާއި، ޓޫ ފެކްޓަރ އޮތެންޓިކޭޝަން އެކްޓިވްކުރުމުގެ މުހިންމުކަމާ އަދި އޯޓީޕީއަށް ރައްކާތެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ފޭސްބުކް ވައިބަރ ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ހެކްކޮށްގެން ސްކޭމްކުރާ ފަރާތްތަކުގެ ކިބައިން ސަމާލުވުމަށާއި، ފިޝިން ލިންކްސް ފަދަ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް މަޢުލޫމާތުދީ ހޭލުންތެރިކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.









