ކުށްކުރާ ކުޑަކުދިންނާއި ނުރައްކަލުގެ ތެރޭގައިވާ ކުދިންގެ މައްސަލަތައް ހައްލުކުރުމަށް އެކްޝަން ޕްލޭނެއްގެ ޑްރާފްޓެއް އެކުލަވާލައިފިއެވެ.
މި ޑްރާފްޓް އެކުލަވާލާފައިވަނީ މި މަހުގެ 23 އަދި 24 ވަނަ ދުވަހު އއ. އުކުޅަހުގައި ބޭއްވި "ކޮންފަރެންސް އޮން އެޑްރެސިންގ ޔޫތު އެންޑް ސަޕޯޓިންގ އެޓް-ރިސްކް ޗިލްޑްރަން އިން އއ. އެޓޯލް" ގައެވެ.
ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ބުނީ، އއ. އަތޮޅުގައި ކުށްކުރާ ކުޑަކުދިންނާއި، ކުށުގެ މާޙައުލަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ކުދިންގެ ޙާލަތާއި، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ޙާލަތާއި، ގެވެށި އަނިޔާގެ މައްސަލަތަކާއި، ބްލެކްމެއިލް ކުރުމާއި ބުލީކުރުމުގެ މައްސަލަތައް އޮތް މިންވަރާމެދު މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ކޮންފަރެންސް ބާއްވާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ. ކޮންފަރެންސްގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝާކިރު، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލްގެ އިތުރުން ކަމާ ގުޅުންހުރި އެހެނިހެން ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން ނޯތު ސެންޓްރަލް ޕޮލިސް (ކ. އއ. އދ. ވ) އަތޮޅު ކޮމާންޑަރުންނާއި، އއ. އަތޮޅުގެ ފުލުހުންގެ މަރުކަޒުތަކުގެ އިންޗާޖުންނާއި ޔުނިސެފްގެ ބޭފުޅުންވެސް މި ކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.