ސަފާރީއެއް ބަލައިފާސްކޮށް ބަނގުރާ ދަޅުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ގދ. ގައްދޫ ބޭރުގައި އޮތް ސަފާރީއެއްގައި ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރުގެ ދަށުން އެ ސަފާރީ ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކުރިއިރު 1224 ދަޅު ބަނގުރަލާއި 124 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނައި ދެ މީހުންނާ ސުވާލުކުރުމަށްފަހު އެ މީހުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ގައްދޫ ޕޮލިސް ސްޓޭޝަން، ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ސަބް ރީޖަންގެ ރެޕިޑް ރެސްޕޮންސް އެންޑް ހައިވިސިޕިލިޓީ ޓީމު ގުޅިގެން ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.









