އެމްބާޕޭއަށް ދޭޏްޖެހޭ 59.52 މިލިއަން އެމެރިކާ ޑޮލަރު ނުދޭންވެގެން ޕީއެސްޖީއިން ކޯޓަށް ދާން ނިންމައިފިއެވެ.
ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު ރިއަލް މެޑްރިޑުގެ ފޯވާޑު ކިލިއަން އެމްބާޕޭ އާއި ޕެރިސް ސެއިންޓް-ޖަރމެއިން (ޕީއެސްޖީ) އާ ދެމެދު މުސާރައިގެ މައްސަލައެއް ޖެހި، އެ މައްސަލަ އެމްބާޕޭގެ އެދުމާ އެއްގޮތަށް ނިންމާފައިވާތީ ޕީއެސްޖީން ވަނީ އެފައިސާ ދިނުމަށް ދެކޮޅު ހަދާފައެވެ.
ފްރެންޗް ފުޓްބޯޅަ ލީގު (އެލްއެފްޕީ) އިން ވަނީ ޕީއެސްޖީން އެމްބާޕޭއަށް 59.52 މިލިއަން އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް ނިންމައިފައެވެ.
މި މައްސަލަ ޖެހުނީ މިދިޔަ އަހަރު އެމްބާޕޭ އާއި ޕީއެސްޖީ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެ އެއްބަސްވުން އައުކުރަން އެމްބާޕޭ ދެކޮޅުހެދުމާއި ގުޅިގެންނެވެ. އޭގެ ފަހުން އެމްބާޕޭ ވަނީ ޕީއެސްޖީ ދޫކޮށް ސްޕެއިންގެ ރިއަލް މެޑްރިޑަށް ބަދަލުވެފައެވެ.
މި މައްސަލައިގައި އެލްއެފްޕީ އިން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްދޭން ތައްޔާރަށް އޮތް ކަމަށް ބުނެފައެވެ. ނަމަވެސް އެކަމަށް އެމްބާޕޭ ވަނީ ދެކޮޅުހަދާފައެވެ. އަދި މައްސަލަ ބެލުމަށްފަހު އެލްއެފްޕީ އިން އެމްބާޕޭއަށް ފައިސާ ދިނުމަށް ޕީއެސްޖީއަށް އެންގިއެވެ.
ޕީއެސްޖީ އިން އޭރު ވެސް ބުނެފައިވަނީ މިކަމުގައި ދެފަރާތަށް އެއްބަސްވެވޭ ރަނގަޅު ހައްލެއް ހޯދުމަށް ބޭނުންވާ ކަމަށާއި، އެފަދަ ހައްލެއް ނުލިބިއްޖެނަމަ ކޯޓަށް ދާނެ ކަމަށެވެ.
މި މައްސަލައިގައި އެމްބާޕޭގެ ފަރާތުން އެއްވެސް ކޮމެންޓެއް ހާމަކޮށްފައި ނުވިޔަސް، މިދިޔަ ޖެނުއަރީ މަހު އޭނާ ބުނެފައިވަނީ އޭނާ އާއި ޕީއެސްޖީގެ ޗެއަރމަން ނާސިރު އަލް ޚެލައިފީ އާ ދެމެދު އެއްބަސްވެފައިވާ ގޮތަށް ދެފަރާތަށްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ.









