މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ އިދާރާގެ ޚިދުމަތްތައް އޮޓޮމޭޓް ކުރުމަށް އައު ސިސްޓަމެއް ތަޢާރަފްކުރަން ނިންމައިފިއެވެ. މި ސިސްޓަމަކީ ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ފަރުމާކުރެވޭ އީ-ޓެކްސް އިންވޮއިސް ސިސްޓަމެއްކަމަށް މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވިއެވެ.
މި ސިސްޓަމް މެދުވެރިކޮށް ވިޔަފާރިތަކުގެ ސިސްޓަމްތަކާއި މީރާގެ އިންވޮއިސް ސިސްޓަމް ގުޅާލެވޭނެއެވެ. އަދި މިހާރު ހުރި ސިސްޓަމްތައް އަޕްގްރޭޑް ކުރުމަށްފަހު އާ ސިސްޓަމް ތަޢާރަފްކުރާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މީރާއިން މިހާރު ދަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލަމުންނެވެ. މި ޕްލޭން އެކުލަވާލުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންސަލްޓަންޓުންގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ ޚިޔާލު ހޯދަމުންދާ ކަމަށް މީރާއިން ބުނެއެވެ.
Advertisement

މީރާގެ އަމާޒަކީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޓެކްސް އޮތޯރިޓީއަށް ވުން ކަމަށާއި، އެކަމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒަރީރު ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މީރާގެ ޚިދުމަތްތައް ޒަމާނީ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.







