ޓިކްޓޮކްގައި އަންހެނަކަށް މަރުގެ އިންޒާރުދިން މައްސަލައެއް ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް، މައްސަލައިގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ޓިކްޓޮކް ލައިވްއެއްގެ ސްކްރީން ރިކޯޑް ވީޑިއޯއެއްގައި "އަސްލީ" ނަމަކަށް ކިޔާ އައިޑީއަކުން "ސަމާމަރިއަމް" އަށް މަރުގެ އިންޒާރު ދީފައިވާ މަންޒަރު ފެންނަން ހުރިކަން ފާހަގަކުރެވެއެވެ. ލަފާކުރެވޭ ގޮތުގައި ފުލުހުން ބަލަމުންދަނީ މި މައްސަލައެވެ.
ޓިކްޓޮކްއަކީ ދިވެހިންގެ މެދުގައި މަޤުބޫލު ޕްލެޓްފޯމެއް ނަމަވެސް، ފަހަކަށް އައިސް މި ޕްލެޓްފޯމްގައި އެކަކު އަނެކަކާ ޒުވާބުކުރުމާއި އިންޒާރުދިނުން ފަދަ ކަންކަން އާންމުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ ޢަމަލުތަކަކީ ޤާނޫނީ ގޮތުން ކުށެއްކަމާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަން ފުލުހުން ކުރިންވެސް ވަނީ އާންމުންނަށް އަންގާފައެވެ.









